މިލައުތުރު

ބައިނަލްއަޤުވާމީ އެވޯޑު ނުލިބޭ އެމްޑީއަކު ނެތް، އެކަމަކު ކުންފުނިތައް އިނދަޖެހިފައި.

ފެނަކަ އިނދަޖެހިފައި، މިފްކޯ އިނދަޖެހިފައި، އެގްރޯނެޓް އިނދަޖެހިފައި، ޤައުމީ އެއާލައިން އިނދަޖެހިފައި، ތަޢުލީމީ ނިޒާމާއި ޞިއްޙީ ނިޒާމު އިނދަޖެހިފައި، ނުވިތާކަށް ޤައުމުގެ އިޤްތިޞާދު ވެސް އޮތީ އިނދަޖެހިފައެވެ. އެކަމަކު ހިންގުންތެރިކަމުގެ މޮޅުކަމުން ބައިނަލްއަޤުވާމީ އެވޯޑުތައް ނުލިބޭ ހަމަ އެކަކުވެސް ނެތެވެ.

މިސާލަކަށް ފެނަކައިން އާންމުކުރި މާލީ ހާލަތާ ގުޅޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ކުންފުނި ހިންގުމަށްޓަކައި ކޮންމެ މަހަކު 299 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި، އެއީ ހިންގުމުގެ ހަރަދުގެ ގޮތުގައާއި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް އިންވެސްޓްމަންޓުގެ އިތުރުން މި އަހަރުގެ ކުރިން ނަގާފައިވާ ލޯނާއި، ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ދަރަނި އަދާކުރުމަށް ކުރަން ޖެހޭ ހޭދަތައް ކަމަށެވެ. ނަމަވެސް ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބެނީ އެވްރެޖްކޮށް މަހަކު 213 މިލިއަން ރުފިޔާ ކަމަށެވެ.

އެ ކުންފުނީގެ ތެޔޮ ބިލްތަކަށް އެކަނި ކޮންމެ މަހަކު 98 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި، ކުންފުނީގައި 7،600 މީހުން ދާއިމީ މުސާރަ ލިބޭ މުވައްޒަފުންގެ ގޮތުގައި ތިބިކަމަށާއި، މުސާރައަށް އެކަނި ވެސް މަހަކު 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށެވެ.

ކުންފުނިން ނަގާފައިވާ ލޯނުތަކަށް ކޮންމެ މަހަކު 30 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި، އެކި އެކި ޚިދުމަތްތައް ހޯދާފައިވާ ފަރާތްތަކަށް 20 މިލިއަން ރުފިޔާ ދައްކަން ޖެހުމުގެ އިތުރުން ކޯޓުން ބޭރުގައި ޙައްލުކުރުމަށް އެއްބަސްވެފައިވާ މުޢާމަލާތްތަކަށް މަހަކު 10.5 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭކަމަށެވެ.

މި ޙާލަތުގައި ކުންފުނިތައް އޮތްކަމަށް ބުނުމުން ޤަބޫލުކުރަން ފަސޭހައެއް ނޫނެވެ. އެހެނީ އެތަން ތަން ހިންގަވަން އެކި ދުވަަސްވަރުގައި ތިއްބެވީ ދުނިޔޭގެ ފެންވަރުގެ ބޭބޭފުޅުންނެވެ. އަދި އެބޭބޭފުޅުންގެ ހިންގުންތެރިކަން ރަނގަޅު ކަމުން ބައިނަލްއަޤުވާމީ އެވޯޑުތައް އަރުވާފައި ވެއެވެ.