މީލާދީ ސަނަތުން އައު އަހަރެއް ފެށިގެން މިދަނީ ރާއްޖޭގެ އިޤްތިޞާދަށް އުފާވެރިކަމާ ހިނިތުންވުން ގެނެސްދެމުންނެވެ. ދިވެހިރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ. ބޭންކުތަކަށް ޑޮލަރު ލިބެން ފަށައިފިއެވެ. ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓުރޭޑް އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފިއެވެ.
އައު އަހަރު ފެށުނު އިރު، މޫސުން ފިޔަވާ ގޯސް ހަމަ އެއްވެސް ކަމެއް ނެތްކަމަށް ސަރުކާރުގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. ދިވެހީންނަށް އެންމެ ބޮޑު ދަތިކަމެއް ތަަޙައްމަލްކުރަން ޖެހޭ އެއްކަމަކީ ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބެން ނެތުމެވެ. ނަމަވެސް 1 ޖެނުއަރީ 2025 ން ފެށިގެން ދެން އެމައްސަލައާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. ބޭންކުތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ވަންނާނެއެވެ.
އަނެއް އުފާވެރި ޚަބަރަކީ ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމުކުރެވިފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ޚަބަރެވެ. މި އެއްވަސްވުމުގެ ސަބަބުން ރާއްޖޭގައި އުފައްދާ ބާވަތްތައް ޗައިނާއަށް އެކްޕޯޓުކުރުމާއި، ޗައިނާއިން އިމްޕޯޓުކުރާ ބާވަތްތައް ދުނިޔޭގެ އެހެން ޤައުމުތަކަށް ރީއެކުސްޕޯޓު ކުރެވޭނެއެވެ. މިއީ ވެސް ރާއްޖޭގެ އިޤްތިޞާދަށް އިތުރު ބޭރުފައިސާ ވަންނާނެ ދޮރެކެވެ.
ދިވެހި ޒުވާން ޖީލު ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުކޮށް، ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް އުފެއްދުމަށްޓަކައި ވޭޕުކުރުމާއި، އުފެއްދުމާއި، ބޭނުންކުރުމާ ގެންގުޅުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުމަށްޓަކައި އެފަދަ ބާވަތްތަކުން ނަގާ ޑިއުޓީ މިވަނީ ބޮޑު ކޮށްފައެވެ.
މިފަދަ ހަރުދަނާ ކަންތައްތަކާ އެކު 2025 ވަނަ އަހަރު ފެށުމީ ދިވެހީންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ތަސައްވަރުތަކެއް ކަމުގައި މެނޫނީ ނުވާނެއެވެ. ދިވެހި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ވާނެކަމުގެ އުންމީދުގައި ތިބި ހަތަރު ލައްކައެއްހާ މީހުންނަށް ތަސައްލީއެއް ލިބޭނެ ނޫންތޯއެވެ.
4 Replies to “2025 ފެށުން: އިޤްތިޞާދަށް ހިނިތުންވުމާއި އާރޯކަން، ވިޔަފާރި މެކުހަށް، ޑޮލަރުގެ ތާށިކަން ނިމިއްޖެ!”
Adhurey Sir
ޑރ. މުޢިއްޒު އަކީ އިބޫ ކަހަލަ ހިހޫ މީހެއް ނޫން. ތަޢުލީމީ ޤާބިލު މީހެއް. މިރާއްޖެ ހަމަ މަގާށް އަޅުވާނެ. ރައްޔިތުން ކެތްތެރިވެލާ.
Adam Saamee
އުފާވެރި އާ އަހަރެއް ކަމުގައި 2025 ވަނަ އަހަރު ވެއްޖެ އަލްޙަމްދު ލިއްލާހި.
މުއިޒު
ޑޮލަރުތައް މަތިން އޮހެނީ….
ާށަލަބީ
ޑޮލަރާ ހެދި ހިނގާބިނގާވެ އުޅުމައްވެސް ދަތިވެއްޖެ
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި