ސާފުތާހިރުވުމުގެ ގޮތުން ދަތްއުނގުޅުމަކީ ވަރަށް ވެސް މުހިންމު ސުންނަތެކެވެ. ދަތްތައް ސާފުކޮށް ހުދުކޮށް ހުރުމީ ހިނިތުންވުން އުޖާލާ ކުރުވާ ކަމެއް ވެސް މެއެވެ. އެހެންކަމުން ދަތްއުނގުޅަން ގެންގުޅޭ އާލާތްތަކަކީ މީހުން ވަރަށް ރައްކާތެރިކޮށް ބަލަހައްޓާނެ އެއްޗެއްކަން ޔަޤީނެވެ.
މީހުންގެ ޚިޔާލު ހޯދުމަށްޓަކައި އަޅުގަނޑުގެ ފޭސްބުކް ކޮމިއުނިޓީއަކަށް ސުވާލެއް ހުށަހަޅާލީމެވެ. “ދަތްއުނގުޅަން ގެންގުޅޭ ބުރުސް ފާޚާނާތަށީގެ ފެންގަނޑަށް ވެއްޓިއްޖެ ނަމަ، އޭގެ ފަހުން ވެސް އެ ބުރުސް ދޮވެ ސާފުކޮށްގެން ބޭނުން ކުރާނަންތޯ ނުވަތަ ނޫންތޯ؟” މި ސުވާލެވެ. ޖަވާބުދިނުމަށްޓަކައި އިޚްތިޔާރީ ދެ ގޮތެއް ހުށަހެޅީމުއެވެ. އެއީ “ބޭނުމެއް ނުކުރާނަން” އާއި “ދޮވެ ސާފުކޮށްގެން ބޭނުންކުރާނަން” މި ދެގޮތެވެ.
މި ޕޯލްއަށް ކަނޑައެޅި ވަގުތު ހަމަވިއިރު، 95 ފަރާތަކުން ވޯޓުދީފައި ވެއެވެ. އަދި ގިނަ ފަރާތްތަކުން ބުނެފައިވަނީ ދަތްއުނގުޅަން ގެންގުޅޭ ބުރުސް އެގޮތަށް ފާޚާނާތަށީގެ ތެރެއަށް ވެއްޓިއްޖެނަމަ އޭގެ ފަހުން ބޭނުންނުކުރާނެ ކަމަށެވެ. ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން %74.74 (N=95) މީހުން ބުނީ ބޭނުންނުކުރާނެ ކަމަށެވެ. އެހެންކަމުން ބޭނުންކުރާނެ ކަމަށް ބުނެފައިވަނީ %25.26 (N=95) މީހުންނެވެ.
މި ޕޯލްގެ ނަތީޖާއިން ކަށަވަރުވާ އެއްކަމަކީ ގިނަ މީހުން ދަތްއުނގުޅާ ބުރުހަކީ ވަރަށް ސާފުތާހިރުކޮށް ބަލަހައްޓާ އެއްޗެއް ކަމެވެ. އަދި އެއްވެސް ޖަރާސީމެއް ނުހުންނަ ވަރަށް ސާފުކޮށްލެވޭ ވަޞީލަތްތައް ހުރިނަމަވެސް ގަންނާކުރައްވާ ފަކުރަކުން ބޭނުންކުރަން ނުކެރޭކަމެވެ. ވީމާ، ދަތްއުނގުޅުމާ އެހެންވެސް ކަންކަން ކުރާއިރުގައި ފާޚާނާތަށީގެ މަތިގަނޑު ލައްޕާލާފައި ބާއްވާލައިގެން އުޅުމަށް ސަމާލުވުމަކީ އެފަދަ ޙާލަތެއް މަނާކުރެވިދާނެ ގޮތެކެވެ.