ޤުރުއާން ކިޔެވުމަކީ އޭގައި ވަރަށް ގިނަ ސަވާބާހުރި ކަމެކެވެ. ޤުރުއާން ކިޔަވާ މީހަކަށް، އޭނާ އެކިޔަވާ ކޮންމެ އަކުރަކަށް ސަވާބު ދެއްވާކަން ހަދީސް ބަސްފުޅުތަކުން ސާބިތުވެއެވެ.
ކޮންމެ ހުކުރު ދުވަހަކީ އަޅުގަނޑުމެން މުސްލިމުން، އާދައެއްގެ ގޮތުން ކަހްފު ސޫރަތް ކިޔަވާ ދުވަހެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެގޮތަށް އުންމަތަށް އިރުޝާދު ދެއްވާފައިވުމުންނެވެ. އެހެންނަމަވެސް، ކަހުފު ސޫރަތުން އަޅުގަނޑުމެން މުސްލިމުންނަށް ދަސްކޮށްދެއްވާ އެއްޗަކީ ކޮބައިކަމާމެދު ވިސްނައި، އެސޫރަތު މޫރިތި އާޔަތްތަކުން ހަފްތާއަކު އެއްފަހަރު ނަމަވެސް، ހަނދުމަކޮށްދޭ ފިލާވަޅުތަކާމެދު ވިސްނަވާ ލެއްވިންތޯއެވެ.
މާތް ﷲ އިންސާނާ މި ދުނިޔެމަތީގައި އިމްތިހާނުކުރައްވާ ކަންތައްތަކުގެ ތެރެއިން ހަތަރު ކަމެއް، ކަހުފު ސޫރަތުގައި ބަޔާންކުރައްވަވާފައިވެއެވެ. އެއީ، އީމާންތެރިކަމުން އިމްތިހާނުކުރެއްވުމާއި މުދަލުން އިމްތިހާނުކުރެއްވުމާއި ޢިލްމުވެރިކަމުން އިމްތިޙާނު ކުރެއްވުމާއި ވެރިކަމާއި އާރާބާރުން އިމްތިޙާނު ކުރެއްވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ހަތަރު އިމްތިޙާނު ދުނިޔެމަތީގައި ކުރިމަތިކުރެއްވި ތަފާތު ހަތަރު ބައެއްގެ ވާހަކަ ކަހުފު ސޫރަތުގައި ބަޔާން ކުރައްވާފައިވެއެވެ. އީމާންތެރިކަމުން އިމްތިހާނު ކުރެއްވި ކަމަށް ބަޔާން ކުރައްވަވާފައިވަނީ، އެގައުމެއްގެ މީހުންގެ ދީން ދޫކޮށް، ﷲ އަށް އީމާންވެ އެކަލާނގެއަށް ހެޔޮހިތަކާއިގެން މަދަދަށް އެދި، ދުޢާކުރުމުން ހޮހަޅައެއްގައި 300 އަހަރު ވަންދެން ނިދީގައި ތިބި ހައެއްކަ ޒުވާނުންގެ ވާހަކާގައެވެ. މުދަލުން އިމްތިޙާނު ކުރެއްވީ މާތް ﷲ ގެ ނިޢުމަތްތަކަށް އުރެދި އެކަލާނގެއަށް ކާފިރުވެ ބޮޑާވި ދެބަގީޗާގެ ވެރިޔާއެވެ. ޢިލްމުވެރިކަމުން އިމްތިހާނު ކުރެއްވީ މޫސާގެފާނެވެ. އެއީ އެކަލޭގެފާނާ ބައްދަލުކުރެއްވި ޞާލިޙު އަޅާއާއި އެދެބެއިކަލުންގެ ދަތުރުފުޅުގެ ވާހަކައެވެ. ވެރިކަމާއި އާރާބާރުން އިމްތިހާނުކުރެއްވީ ވެރިކަމުގެ އާރާއި ބާރު ދެއްވެވި ޒިލްގަރުނައިނިއެވެ.
ކަހުފު ސޫރަތުގައިވާ އިސްވެ ދެންނެވުނު ހަތަރު ވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތްތަކެއް ނުވަތަ ދަސްކުރަންޖެހޭ ފިލާވަޅުތަކެއް ވެއެވެ. ހަފްތާއަކު އެއްފަހަރު ކަހުފު ސޫރަތް އަޅުގަނޑުމެން މުސްލިމުން މިކިޔަވަނީ ކޮންމެވެސް ކަމެއް ވެގެންނެވެ. މާތް ﷲ އިންސާނާ މިދުނިޔެ މައްޗަށް ފޮނުއްވީ އިމްތިޙާނުކުރެއްވުމަށެވެ. އެކަލާނގެ ކުރައްވަވާ އިމްތިޙާނުތަކުގެ ތެރެއިން އެންމެ އުނދަގޫ ހަތަރު އިމްތިޙާނެއްގެ ވާހަކަ ކަހުފު ސޫރަތުގައި ބަޔާންކޮށްދެއްވާފައިވާއިރު، ހަމަ އެސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިއިމްތިޙާނުތަކުން ފާސްވާނެ ގޮތްތައްވެސް ބަޔާންކޮށްދެއްވާފައިވެއެވެ.
މިގޮތުން، ފުރަތަމަކަމަކަށް، އަޅުގަނޑުމެންގެ އީމާންތެރިކަން ރައްކާތެރިކުރުމަށް، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިތުބާރުކޮށް، މުޞީބާތްތަކަށް ކެތްތެރިވެ، އިޚްލާޞްތެރި ހިތަކާއެކު އެކަލާނގެ މަދަދަށް އެދި އަބަދުވެސް ދަންނަވަންޖެހޭނެއެވެ. އެކަލާނގެ ޤުދުރަތްތަރިކަމާއި ކުޅަދުންވަންތަކަމާއި އެކަލާނގެ ފިޔަވައި އެއްވެސް މަދަދުދާރެއްނެތްކަން ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭނެއެވެ. ކަހުފު ސޫރަތުގައި ބަޔާންކޮށްދެއްވާފައިވާ ހޮހަޅައެއްގައި 300 އަހަރުގެ މުއްދަތަކަށް ނިދިފައިތިބި ޒުވާނުންގެ ވާހަކައިން އަޅުގަނޑުމެން ދަސްކުރަންޖެހެނީ އެކަމެވެ. އެޒުވާނުންގެ ޢަދަދަކީ ކޮބައިކަމާއި އެހޮހަޅަ ހުރީ ތުރުކީގައިތޯ ނުވަތަ ސޫރިޔާގައިތޯ، އެއީ ބޭކާރު ސުވާލުތަކެކެވެ.
ދެވަނަ ކަމަކަށް، މުދަލާއި ޖާހުގެ މަސްތުން އިންސާނާގެ ހިތުގައި އުފެދޭ ބޮޑާކަމާއި، ނިޢުމަތްތަކަށް ޝުކުރު ނުކުރުމުގެ ނުބައިކަމުން ރައްކާތެރިވުމަށް، އެމުދަލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ ތެރެއިން އިރާދަކުރެއްވި އަޅަކަށް އަމާނާތެއްގެ ގޮތުން ދެއްވާ އެއްޗެއްކަން ހަނދުމަކޮށް، މުދާވެރިން އެކަލާނގެ އަށް ޝުކުރުވެރިވާން އެބަ ޖެހެއެވެ. ހިތްތިރިކަމާއި ދީލަތިކަން ކުރިއަށް ނެރެ، މުދަލުން ހޭދަކުރަން ޖެހެއެވެ. ނިޢުމަތްތައް ގެންދުވުމާއި ދެމިއޮތުން އޮތީ، އެކަލާނގެ ޔަދު ގުދުރަތުފުޅުގައިކަން ހިތުގެ އަޑިން ގަބޫލުކުރަންޖެހެއެވެ. ކަހުފު ސޫރަތުގެ 37 ވަނަ އާޔަތުން ފެށިގެން 40 ވަނަ އާޔަތުގެ ނިޔަލަށް އަޅުގަނޑުމެންނަށް އަންގަވައި ދަސްކޮށްދެއްވަނީ އެކަންކަމެވެ.
ތިންވަނަ ކަމަކަށް، ކައުނުގައިވާ މަޑިކިލަނބުތަކާއި ބިމުގެ ފުންމިން ނޭނގޭ ކަނޑުގެ އެންމެ އަޑި ދިރާސާކުރުމުގެ ޤާބިލުކަން އިންސާނާގެ ސިކުނޑިއަށް ލިބިފައިވިޔަސް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނިމުމެއް ނުވާ ޢިލްމުގެ ކުރިފުޅުމަތީގައި، އިންސާނާއަށް ލިބިފައިވާ ޢިލްމުގެ ހަނިކަމާއި މަހުދޫދުކަން ދެނެގަނެ، ދުނިޔެ މަތީގައި ހިނގާ ހަމަ ކޮންމެ ކަމެއްގެ ފަހަތުގައިވާ ސަބަބުތައް އަޅުގަނޑުމެންގެ އިންސާނީ ސިކުނޑިތަކަށް ދެނެ ނުގަނެވޭނެކަމާއި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރޭއްވުންތެރިކަމާއި އެރޭއްވުންތެރިކަމުގެ ފަހަތުގައިވާ އިލާހީ ޙިކުމަތްތަކަށްޓަކައި އަޅުގަނޑުމެންގެ ނިތްކުރިތައް ތިރިކުރަންޖެހޭކަން އަޅުގަނޑުމެންގެ ތެރޭގައި ތިބި ތަފާތު ޢިލްމާއި ޢިލްމުވެރިކަން ދެއްވި މީހުން ދަސްކުރަންޖެހެއެވެ. ކަހުފު ސޫރަތުގައިވާ މޫސާގެފާނުގެ ވާހަކައިން އަޅުގަނޑުމެން ދަސްކުރަންޖެހެނީ މިކަންކަމެވެ.
ހަތަރުވަނަ ކަމަކަށް، ވެރިޔަކީވެސް އަދި ރަސްކަލަކީވެސް، އަދި ބާރަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާކަމާއި އިންސާނާއަށް ދެއްވަވާ ވެރިކަމާއި ބާރަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެބަޔަކާ ހަވާލުކުރައްވަވާ އަމާނާތެއްކަން ނިކަން ރަނގަޅަށް ދަނެގެން ތިބެ، އެ އަމާނާތް ހަވާލުކުރެވޭ ހިނދު، ބޮޑާކަން ދޫކޮށް، ހިތްތިރިކަން އިސްކޮށް، މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުކޮށް، އެއްވެސް ތަފާތުކުރުމެއްނެތި، އެބައެއްގެ ޙައްޤުތައް އެބަޔަކަށް އަދާކޮށްދޭން ޖެހޭނެކަމާއި އެކަމާބެހޭގޮތުން ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަމާއި ތިމާ އެދުވަހު ހުންނާނީ ވެރިންގެ ވެރިރަސްކަލާނގެ ކުރިފުޅުމަތީގައިކަން، އަޅުގަނޑުމެންގެ ތެރެއިން ވެރިންގެ ގޮތުގައި އިޚްތިޔާރުކުރެވޭ ފަރާތްތަކުން ދަސްކުރަންޖެހެއެވެ. ކަހުފު ސޫރަތުގައިވާ ޒިލްޤަރުނައިނީގެ ވާހަކައިން އަޅުގަނޑު ދަސްކުރާންޖެހޭ ކަންކަމަކީ އެއީއެވެ.
ކޮންމެ ހުކުރު ދުވަހަކު ކަހުފު ސޫރަތް ކިޔަވަންޖެހެނީ މިހެންވެއެވެ. ހަމައެކަނި އެސޫރަތުގައިވާ ކަހުފުބާގައިގެ މީހުންގެ ވާހަކައާއި މޫސާގެފާނާއި ޚިޞުރުގެފާނުގެ ވާހަކާއާއި ޒިލްގަރުނައިނީގެ ވާހަކަ ފަދަ ވާހަކަތައް ކިޔުމަކަށް ނޫނެވެ. ސޫރަތުގައިވާ އާޔަތްތަކުން ދިރިއުޅުމަށް ފިލާވަޅުތަކެއް ޙާޞިލުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަމަކަށް އެ އާޔަތްތަކުން އަލިމަގު ހޯދުމުގެ ބޭނުމުގައެވެ. ހެޔޮލަފާ މީހެއްގެ ގޮތުގައި ދިރިއުޅުމަށެވެ.