އައު އަހަރުގެ ތަސައްވަރުތަކާއެކު މީހުންގެ ނަޒަރިއްޔާތާއި ވިސްނުމަށް ވެސް ބަދަލުތައް އުދަބާނިކުރާނެތެވެ. ބައެއް މީހުންގެ ނަޒަރުގައި އެމީހެއްގެ ޒަޢާމަތުގައި މަތިފަޑީގައި ތިބެންވާނީ އެމީހަކަށް އިތުބާރުކުރެވޭ މީހުންނެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މަތިފަޑީގައި ތިބެންވާނީ ކަންކަން ކުރަން ދަންނަ ޢިލްމީ ޤާބިލް އަދި ތަޖުރިބާ ހުރި މީހުންނެވެ.
ދިވެހިރާއްޖޭގައި “މަލްޓި-ޕާޓީ” އެކުލެވޭ ވެރިކަމުގެ ނިޒާމެއްގައި “ޑިމޮކްރެސީ” އަށް ފައްކާކުރަމުންދާ ހިނދު، ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާ ކުޅޭ ކުޅިވަރުތައް މުޅިން ބަދަލު ވެއްޖެއެވެ. އަދި ބައެއް މީހުންގެ ނަޒަރުގައި މިހާރު ފެންނަމުންދާ ކަންކަމުން ދޭހަކޮށްދެނީ، ދިވެހީންނަށް މިހޯދުނީ އަދި އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމު ނޫންކަމެވެ.
ގިނަ ބައެއްގެ ނަޒަރުގައި މިހާރަކަށް އައިސް ޖަހާ ބެރަށް ނަށާ ނެށުން އެއްގޮތަކަށް ވެސް ދިމަލެއް ނުވެއެވެ. ސުވާލަކީ އެއީ ނިޒާމުގެ މައްސަލައެއްތޯއެވެ. ނުވަތަ ވެރިމީހާގެ މައްސަލައެއްތޯއެވެ. ނުވަތަ ޚުދު ރައްޔިތުންގެ މައްސަލަތޯއެވެ. ކޮންމެއަކަށް އަބަދުވެސް އިވެނީ ހަމަ އެއްވާހަކަތަކެކެވެ. ދައުލަތުގެ މާލިއްޔާތު ނަހަމަގޮތުގައި ބޭނުންކުރާ ވާހަކައެވެ. ނުޙައްޤުން މުއްސަނދިކަން ހޯދާ ވާހަކައެވެ. ދެން އިތުރަށް ލާންއޮތް ފޮނިތޮށި ކާފޫރުތޮޅިކޮޅެއް ކަމުގައި ވަންޏާ ވާނީ ރިޝްވަތާ މަސްތުވާތަކެއްޗާ ވަގު ވިޔަފާރިތައް ނޫންތޯއެވެ.
ރައްޔިތުންނަށް ތަފާތު އެއްޗަކަށް ލިބުނީ ކޮން އެއްޗެއްތޯއެވެ؟ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ދިގު ވަޢުދުނާމާއެއް އެއްފޮޅިކޮށްފައި ރައްޔިތުންނަށް ބަހާލައެވެ. ލިބޭ ނަތީޖާތަކުގައި ތަފާތެއް އެބަ ފެނޭތޯއެވެ؟ އެފަދަ އިހުސާސެއް އެބަ ކުރެވޭތޯއެވެ؟ އާޚިރުގައި ވަމުންދާގޮތަކީ ކޮންމެ ފަސް އަހަރަކުން ރައްޔިތުންނަށް “ނޫންގޮތެއް” ހޯދާން މަޖުބޫރުވެއެވެ. އަދި ފައިސާފޮއްޗެއް ލިބެންޏާ އަސް ވެސް ލަގަން ވެސް ވިއްކާލެވެނީއެވެ.
އަދުގެ ޙާލަތު ކަށަވަރުކޮށްދެނީ އަދި މިހޯދުނު “ނޫންގޮތެއް” ވެސް ކަމުދާކަށް ނެތްކަމެވެ. އަނެއްކާވެސް ނޫންގޮތެއް ހޯދާން ޖެހިދާނެކަމެވެ. މައްސަލައަކީ ކޮބައިތޯއެވެ؟ ނުފޯރާ ވަރުގެ ފޮތިކޮޅަކުން ފޫގެޅުނީތޯއެވެ. ނުވަތަ ކާންދިން އަތުގައި ދަތްއެޅުނީތޯއެވެ. ނުވަތަ މަތިފަޑީގައި ހަންޑަވާޅިން ގިނައީތޯއެވެ.