ކުޑަކުދިންނަށްދޭ މަޞްނޫޢީ ކިރުގެ ބާވަތްތައް އަގުބޮޑުވެގެން ޢާންމު ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެއެވެ. ސޯޝަލް މީޑިޔާގައި ބައެއް ޢާންމު ރައްޔިތުންގެ ފާޅުކޮށްފައިވާ ޝުޢޫރުތަކުން ހާމަވާ ގޮތުން، ބައެެއް ފިހާރަތަކުން ވިއްކާ މަޝްހޫރު ނެސްލޭގެ ލެކްޓޮގްރޯ ބްރޭންޑުގެ ކިރު މީގެ ދުވަސްކޮޅެއް ކުރިން 140ރ ގައި ހުރެފައި މިހާރު ކިރުގެ އަގު 175ރ އަށް ވަނީ ބަދަލުވެފައެވެ.
މިނޫހުން ބެލިބެލުމުން އެނގުނު ގޮތުގައި، ކުޑަކުދިންނަށްދޭ ކިރުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ކަމާބެހޭ މިނިސްޓްރީއިން ޚާއްޞަ ހުއްދައެއް ނަގަންޖެހެއެެެވެ. މިފަދަ ބާވަތްތައް ރާއްޖެ އެތެރެކުރަނީ މަދު ޢަދަދެއްގެ ވިޔަފާރިވެރިންކަމުން، ރީޓެއިލް ކުރާ ފިހާރަަތަކުން ފައިދާލުމަށްފަހު ރީޓެއިލްކުރަންޖެހެނީ އަގުބޮޑުކޮށްކަމުން، އެކިފިހާރަތަކުން ކިރުގެ ބާވަތްތައް ލިބެނީ ތަފާތު އަގުތަކުގައެވެ. އަދި ގިނަފަރަށް އަގުވެސް ބޮޑެވެ.
ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ގެންގުޅުއްވާއިރު، ކުޑަކުދިންގެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމަކީ، އިތުރަށް ދަރިން ހޯދަން ތައްޔާރަށް ތިބި ފަރާތްތަކުުގެ ކަންބޮޑުވުމެކެވެ. ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ވިދާޅުވާގޮތުން، ގިނައިން ދަރިން ހޯދުމުން ރިޒުގު ތަނަސްވަސްވެއެވެ.