މިލައުތުރު

ބްރެޑް ޕިޓްކަމަށް ހެދިގެން އުޅުނު މީހެއްގެ އަވައިގާޖެހި ފްރާންސްގެ އަންހެނަކު ފިރިމީހާ ގާތުން ވަރިވެއްޖެ.

ބްރެޑް ޕިޓްގެ ލޯބީގައިޖެހި ހުނިފެން ބޮވި، ފްރާންސް އަންހެނެއް އޭނާގެ ފިރިމީހާ ގާތުން ވަރިވެއްޖެއެވެ. ބްރެޑްޕިޓާ ލޯބީގެ ގޮތުން މިއަންހެންމީހާ ގުޅުނީ ސޯޝަލް މީޑިޔާއިން ދިމާވެގެންނެވެ. ބްރެޑްޕިޓް މިއަންހެން މީހާއަށް ޚާއްޞަވެގެން ދުވަހުގެ އެތަށް ވަގުތެއް ޗެޓުކުރުމުގައި ހޭދަކޮށް ހެދިއެވެ. ނަމަވެސް ދުވަހަކުވެސް ފޯނުން ވާހަކަ ނުދެއްކެއެވެ. ބްރެޑްޕިޓް ވީމަ ބިޒީކަމުންނެވެ.

ކޮންމެއަކަސް މިހާ ލޯބިން އުޅެމުންދަނިކޮށް ބްރެޑްޕިޓް ވަރަށް ބޮޑަށް ބަލިވެގެން ބޮޑު އޮޕަރޭޝަނެއް ކުރަންޖެހިއްޖެއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު ފޮޓޯވެސް ބްރެޑްޕިޓް ފޮނުވިއެވެ. އެންމެފަހުން މި އޮޕަރޭޝަނުގެ ޚަރަދުތައްކުރަން ފައިސާވެސް ފޮނުވީ މިއަންހެންމީހާއެވެ. މިއަންހެން މީހާ ބްރެޑްޕިޓާ އިންނަންވެގެން ވަރިވިއިރު، އޭނާގެ ފިރިމީހާއަތުން ގިނަ ފައިސާއާ މުދާ ލިބުނެވެ. އޮޕަރޭޝަނަށް ބޭނުންވާ އަށްލައްކަ އެމެރިކާ ޑޮލަރު މިއަންހެންމީހާ ބްރެޑްޕިޓަށް ފޮނުވުމުގެ ކުރިން ފައިސާ ނެތީތޯ ބްރެޑްޕިޓު ގާތު މި އަންހެންމީހާ އެހުމުން، ބްރެޑްޕިޓް ބުނީ އެންޖަލީނާ ޖޯލީގެ ވަރީގެ މައްސަލަ ކޯޓުގައި ހިނގާތީ ހުރިހާ ފައިސާއަކާ މުދަލެއްހުރި ފްރީޒްކޮށްފައި ކަމަށެވެ. ލޯބިވަންޏާ ލޯބިވެރިޔާ މަރުގެ ތުންފަތްމަތީގައި އޮންނައިރު ޚަރަދު ނުކުރާނީ ކާކުހެއްޔެވެ.

ކޮންމެއަކަސް މި ލޯބީގެ ވާހަކައިގެ ނިމުން ވަރަށް އެހެން ކަހަލައެވެ. އަންހެންމީހާ ހިތާވެގެން އުޅުނީ އަސްލު ބްރެޑްޕިޓަކާ ނޫނެވެ. ލިބުނީ ބްރެޑްޕިޓުގެ ފޮޓޯއެއްވެސް ނޫނެވެ. އެއީ ބްރެޑްޕިޓަށް ވެގެން މިއަންހެންމީހާ އަތުން މަކަރާ ހީލަތުން ފައިސާ ހޯދަން އުޅުނު މީހެކެވެ. އޭނާ އަފޮނުވީ އޭއައި އިން އުފައްދާފައިހުރި ފޮޓޯއެވެ. ކޮންމެއަކަސް މި އަންހެން މީހާއަށް މިހާރު ކަމުގެ ހަގީގަތް ވަނީ އެނގިފައެވެ. ފުލުހަށްވެސް މައްސަލަ އޮތީ ހުށަހަޅާފައެވެ. އުމުރުން 54 އަހަރުގެ މި އަންހެންމީހާ މިވަގުތު އަންނަނީ ހޮސްޕިޓަލުގައި ޑިޕްރެޝަނަށް ފަރުވާ ހޯދަމުންނެވެ.

© 2023 milauthuru. All rights reserved.