ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން އައްޑޫގައި ބޮޑު ބާޒާރެއް ބާއްވަން ނިންމައިފިއެވެ.
“އައްޑޫ ވިޔަފާވެރިންގެ ބާޒާރު: ރޯދަ ސޭލް” ބާއްވަން ނިންމައި އޭގައި ބައިވެރިވާން ވިޔަފާރިތަކަށް އައްޑޫސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި ބާޒާރު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 21-25 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ބާޒާރު ކުރިއަށް ދާނީ އެ މުއްދަތުގައި ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
ކައުންސިލުން ބުނީ މި ބާޒާރުގައި މުދާ ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކަށް ސްލޮޓް ހޯދަން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ ދިހަވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މި ބުނީ ބާޒާރުން ޖުމްލަ 21 ސްޓޯލެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، 17 ސްޓޯލް ވިޔަފާރިތަކަށް ރެޔަކަށް 150ރ. ރުފިޔާގެ ރޭޓުން އަދި ހަތަރު ފުޑް ސްޓޯލް ރެޔަކަށް 200ރ. ރުފިޔާގެ ރޭޓުން ފީ ނަގާ ގޮތަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.