މިއަހަރުގެ ޖެނުއަރީ މަހުގައި އެކަނިވެސް އައްޑޫގައި 27 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.
އެ ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އައްޑޫގައި ޖުމްލަ 277 އެކްސިޑެންޑު ވަނީ ހިނގާފައެވެ. އަދި މިދިޔަ އަހަރު އައްޑޫގައި އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައިވަނީ އޭޕްރީލްގަ އެވެ. އެގޮތުން އެ މަހު 28 އެކްސިޑެންޓު ހިނގާފައި ވެއެވެ.
ފާއިތުވި އަހަރުގެ އެހެން މަސްތަކުގައި އައްޑޫގައި 27-19 އާއި ދެމެދުގެ އަދަދަކަށް އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށް އޭއީއެޗްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އާބާދީ ބޮޑު އައްޑޫގައި ފާއިތުވި އަހަރުތަކުގައި މަގުމަތީގައި ނުރައްކާތެރި އެތަކެއް އެކްސިޑެންޓެއް ހިނގާފައިވާއިރު ގިނަ އަދަދަކަށް މިފަދަ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލޭކަންވެސް ފާހަގަ ކުރެވެއެވެ.
އޭއީއެޗް އިން ވަނީ މަގުމަތީގައި ދުއްވާއިރު އަމިއްލަ ރައްކާތެރިކަމަށާއި ވަށައިގެންވާ މީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދޭން އިލްތިމާސްކޮށްފަ އެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށް ރައްކާތެރިވުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.