މިލައުތުރު

ސުވިސް ބަރަަކާ ޗެރިޓީ: ދިވެހިރާއްޖޭގެ ގޮފި ރަސްމީކޮށް އިފުތިތާހުކޮށްފި.

ސުވިސް ބަރަކާ ޗެރިޓީގެ ދިވެހިރާއްޖޭގެ ގޮފިކަމުގައިވާ ”ބަރަކާ ޗެރިޓީ މޯލްޑިވްސް“ ރަސްމީކޮށް އިއްޔެ އިފުތިތާހުކޮށްފިއެވެ.

ބީސީއެމް އިފުތިތާހުުކުރުމުގެ ޖަލްސާ އޮތީ މާލެއަތޮޅު ގުޅީ ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު 16:15 ގައެވެ. މި ޖަލްސާގައި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިޢުލާންކުރުން އޮތެވެ. ހިންގާ ކޮމިޓީއަށް އިންތިޚާބުވި ފަރާތްތަކަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނާ ރައްޔިތުންގެ މަޖިލިސްގެ ހުރާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޑރ. އަނާރާ ނައީމެވެ. އަދި ހިލޭސާބަހަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޑރ. އަނާރާ ވާހަކަފުޅު ދައްކަވައި، ސުވިސް ބަރަކާ ޗެރިޓީއަށް ޝުކުރު އަދާކުރެއްވިއެވެ.

ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ފުރަތަމަ ދައުރުގެ ރައީސަކަށް އިންތިޚާބުވެފައިވަނީ އުސްތާޛު އަޙްމަދު ޒަކީއެވެ. އަދި ނައިބު ރައީސް ކަމަށް އުސްތާޛު އިބްރާހިމް ޙާފިޒު، ޖެނެރަލް ސެކްރެޓަރީ ކަމަށް އާމިނަތު ނިއުމާ، އިންޓަނޭޝަނަލް ސެކްރެޓަރީ ކަމަށް މުޙައްމަދު އަޙްމަދު އަޖާމީ، ރީޖަނަލް އެފެއާޒް ސެކްރެޓަރީ ކަމަށް މުޙައްމަދު އަމީން އަދި ޚަޒާންދާރު ކަމަށް އިންތިޚާބުވެފައިވަނީ މަރިޔަމް ޒައިފާ ޒަކީ އެވެ.

މި ރަސްމިއްޔާތުގައި ސުވިސް ބަރަކާ ޗެރިޓީގެ ސީއީއޯ އާއިި އިސްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ސުވިސް ބަރަކާ ޗެރިޓީގެ ފަރާތުން ދެއްވި ރޯދަ ހަދިޔާ ބެހުން ވެސް ކުރިއަށް ގެންދެވިފައިވާ ކަމަށް ބަރަކާ ޗެރިޓީން މަޢުލޫމާތު ދެއެވެ. އެގޮތުން ގުޅީގެ ހުރިހާ ގޭބިސީއަކަށް ބަރަކާ ޗެރިޓީގެ ފަރާތުންދޭ ހަދިޔާ ރައްދުކުރެވިފައި ވެއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ގުޅީ ކައުންސިލާ ގުޅިގެންނެވެ.

މީގެ އިތުރުން ސުވިސް ބަރަކާ ޗެރިޓީގެ ޒަކާތު ފަންޑު ފައިސާ ގުޅީގެ 50 ފަރާތަކަށް ފޯރުކޮށްދެވިފައި ވެއެވެ. މި ޖަލްސާގައި ގުޅީގެ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޙަފުލާގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ގުޅީގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، ގުޅީގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ދެއްވި އެހީތެރިކަމާ އެއްބާރުލެއްވުމަށް ބަރަކާ ޗެރިޓީން ޝުކުރު އަދާކުރެއެވެ.