ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަކީ މިޒަމާނުގެ ޖިންސުއްލަތީފުންގެ ވަރަށް ބޮޑަށް އަހަންމިއްޔަތުކަންދޭ ކަމެކެވެ. ވަކިން ޚާއްޞަގޮތެއްގައި މޫނުގެ ކުލަ އަލިކޮށް، ބެޅުމާއި ވިދުން ގެނެސްދީ، އޮމާންކަމާއެކު ބެހެއްޓުމަކީ ބައެއް އަންހެންކުދިން ތާއަބަދު ވިސްނާ ކަންކަމެވެ. އެއީ އޭގެ ޒާތުގައި މައްސަލައެއްވެސް ނޫނެވެ. އަންހެނުންނަކީ، އެމީހުންގެ ޠަބީޢަތުގައި ރީތިކަމާއި ރީތިވުމަށް ލޯބިކުރާ ބައެކެވެ. އެކަން އޮންނަން ޖެހޭނީވެސް އެހެންނެވެ. ފަހަރެއްގައި މިދަންނަވަނީ ފިރިހެނުން ހަޑިގިއްލާ ހެދިގެން ތިބޭށެކޭ ނޫނެވެ. ފިރިހެނުންވެސް ތިބެންވާނީ ފިރިހެންވަންތަކޮށް ނަލަވެގެންނެވެ.
ކުރިންވެސް ދެންނެވިހެން، ރީތިވުމުގެ ގޮތުން ދިވެހި އަންހެން ކުދިން މޫނުގައި އެކި ބްރޭންޑުތަކުގެ ރީތިވާ ސާމާނު ބޭނުން ކުރާތަން ވަރަށް ގިނައިން ފެނެއެވެ. ދިވެހިރާއްޖޭގައި ރީތިވުމަށް ބޭނުންކުރާ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނާގޮތުން، ކޮރެއާގެ އުފެއްދުންތައް ހަމަ އޮބިނޯވެއެވެ. އެހާވެސް ވިޔަފާރި ރަނގަޅެވެ. ހަމައެއާއެކު ދުނިޔޭގެ މަޝްހޫރު ބްރޭންޑުއް މާލޭގެ މަޝްހޫރު ފިހާރަތަކުންނާއި އޮންލައިން ފިހާރަތަކުން ފަސޭހަކަމާއެކު ލިބެއެވެ.
އިންސާނާގެ ހަށިގަނޑުން އެންމެ ފުރަތަމަވެސް އަޅައިގަންނަނީ މޫނެވެ. އެ މޫނުގެ އޮމާންކަމާއި ހިތްގައިމު ކުލައާއި އޮމާންކަމެވެ. ހެޔޮވަރުގެ ބައްޓަމަކަށް މީހާ ހުރެ، މޫނު ރީތިވީމަ އެމީހަކު ރީތީ ކަމަށް ބުނެވިދާނެއެވެ. ނަމަވެސް، އުފެދޭ ސުވާލަކީ މޫނު ރީތިކުރުމަށް އަންހެންކުދިން މިހުންނަ ފޯރިއާ އެއްވަރުގެ ފޯރިއެއް މުޅި ގައިގެ ހަންގަނޑުގެ ޞިއްޙަތާއި ރީތިކަން ބެލެހެއްޓުމަށް ހުރޭތޯއެވެ. ދިވެހި ފިރިހެން ވެރިން ބުނާ ގޮތުން، ބައެއް ފަހަރު މޫނުމަތި ވަރަށް ތާޒާކޮށް ފެންނަ ކުދިންގެ ގައިގެ ހަންގަނޑާއި ގުނަންތަކުގެ ހަންގަނޑުގެ ރީތިކަން ހުންނަނީ ނުބެލެހެއްޓިއެވެ. މޫނުގެ ހަމާއި ގައިގެ ހަންގަނޑު އުޑާބިމާހާ ތަފާތެވެ.ގައިގެ ހަންގަނޑަށް މިގޮތަށް އިހުމާލުވުމުގެ ސަބަބުން ހަން ކުރަކިވެ، ހިކި އަދި ޒުވާން އުމުރުގައި ދުވަސްވެފައިވާ މީހެއްގެ ގޮތުގައި ސިފަވެއެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ މޫނުގެ ހަންގަނޑު ފަދައިން، ހަށިގަނޑުގެ ހަންވެސް ނުސާފު މާހައުލުގެ ނޭދެވޭ އަސަރުތަކަށް ހުށަހެޅެއެވެ. އެހެންކަމުން މޫނެކޭ އެއްފަދައިން ގައިގެ ހަންގަނޑު ދުޅަހެޔޮކަމާއެކު ރީތިކޮށް ގިނަ ދުވަހު ދެމެހެއްޓޭނީ ގަވާއިދުން އަޅާލައި ބެލެހެއްޓިގެންނެވެ. ބުއްދިވެރިން ބުނާފަދައިން ކޮންމެ އެއްޗެއްވިޔަސް އެއެއްޗެއް ފެންނަންޖެހޭ ބަޔަކަށް ފެންނަންޖެހޭނީ ނިކަން ރީތިކޮށެވެ.