ޝާން މުޙައްމަދު

ގޯލްޑަން ފުޓްސަލް ޗެލެންޖު އައްޑޫގެ ތަށި ފޭދޫ އިން ކާމިޔާބުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރުގެ މުބާރާތުގެ އައްޑޫ އަތޮޅު ތަށި ފޭދޫއިން ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ބަލިކޮށް ފޭދޫއިން ތަށި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު، 2-2 އިން އެއްވަރު ވުމުން ޕެނަލްޓީގައި ފޭދޫ ކުރި ހޯދީ 5-4 އިންނެވެ.

މި މުބާރާތުގައި އައްޑު އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫގެ ހަސަން ގައްސާބް ލަބީބް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހިތަދޫގެ މުހައްމަދު ދާނިޝް އިބްރާހިމް އެވެ.

ރޭ ކުޅުނު މި މުބާރާތުގެ ފަހު މެޗުގައި ހިތަދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި މަރަދޫފޭދޫއާ ބައްދަލުކޮށް 3-1 އިން ކުރި ހޯދައިގެންނެވެ. އަދި ފޭދޫ ފައިނަލަށް ދަތުރުކުރީ މީދޫއާ ބައްދަލުކުރި މެޗުން 2-1 އިން ކާމިޔާބުކޮށްގެންނެވެ.

އައްޑޫން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހަ ޓީމެއް ވާދަކުރިއެވެ. ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިފާއިރު ހިތަދޫން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ގްރޫޕް ސްޓޭޖުގައި ފޭދޫން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު، އަނެއް މެޗުން އެޓީމު މޮޅުވި އެވެ.

ފާއިތުވި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އައްޑޫ އަތޮޅުގެ ފައިނަލްގައިވެސް ބައްދަލުކުރީ ހިތަދޫ އާއި ފޭދޫ އެވެ. އެފަހަރު ހިތަދޫން ތަށި ކާމިޔާބު ކުރީ ފޭދޫގެ މައްޗަށް ކުރި ހޯދައި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި 129 ޓީމަކުން ވާދަކުރާ އިރު، މިއީ ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަން ފާހަގަ ކުރެވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.