ޣައްޒާއަށް 50 މިލިޔަން ޑޮލަރުގެ ކޮންޑަމް ފޮނުވިކަމަށް ބުނެ ޓްރަމްޕުގެ ސަރުކާރުން ދޮގުހަދައިފިއެވެ. ދާދިފަހުން ވައިޓު ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ މިމޭރުމުން ވާހަކަ ދެއްކެވިވިއެވެ. ހަމަ އެވާހަކައަށް ބާރު ލިބޭ ގޮތަށް ރައީސް ޓްރަމްޕުވެސް ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް، އެމެރިކާއިން ބޭރުގެ ގައުމަތަކަށް ފޯރުކޮށްދޭ އެހީތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރާ ޔޫއެސްއެއިޑް އިން ހާމަކޮށްފައިވާ ގޮތުން، އެމެރިކާއިން އިސްނަގައިގެން ހިންގި ދޭތެރޭދުރުކުރުމުގެ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 60.8 މިލިޔަން ޑޮލަރު އެމެރިކާ ސަރުކާރުން ދުނިޔޭގެ އެކިގައުމުތަކުގައި 2023 ވަނަ އަހަރު ޚަރަދުކޮށްފައިވެއެވެ. އޭގެތެރެއިން ކޮންޑަމަށް ޚަރަދުކޮށްފައިވަނީ 7 މިލިޔަން ޑޮރަލެރެވެ. އެ ރިޕޯޓުގައިވާގޮތުން މެދުއިރުމަތީގެ ގައުމަކަށް މިފައިސާއިން އެހީ ލިބިފައިވަނީ ހަމައެކެނި އުރުދުނަކަށެވެ. އެއީ ގާތްގަނޑަށް 45 ހާސް އެމެރިކާ ޑޮލަރެވެ.
އެމެރިކާ ސަރުކާރުން ބުނެފައިވާ 50 މިލިޔަން ޑޮލަރަކީ ހަގީގަތުގައި އިސްރާއީލުގެ ޢުދުވާނުގެ ސަބަބުން ހުއްޓިފައިވާ ޞިއްޙީ ޚިދުމަތްތައް ފެއްޓުމަށާއި ޣައްޒާގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތްތައް ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި ދިގުމުއްދަތަށް ބޭސްފަރުވާގެ ކުރަންޖެހޭ ބަލިތަކާއި ނުކުޅެންދުތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ޔޫއެސްއެއިޑާއި އެނޭރާ ގުޅިގެން ހިންގަން ރޭވި ޕްރޮޖެކްޓެއްގެ ވާހަކައެކެވެ. މިއީ ކަމުގެ ހަގީގަތްކަމަށްވިޔަސް، ޓްރަމްޕްވަނީ ޣައްޒާގެ ރައްޔިތުން ކޮންޑަމް ބޭނުންކޮށްގެން ބޮން ހެދިކަމަށްވެސް ވިދާޅުވެފައެވެ.
ފަހަރެއްގައި މިފަހަރު ހަމަރަނގަޅަށްވެސް ޓްރަމްޕުގެ ސަރުކާރަށް އޮޅުނީއެވެ. ޖިންސީގޮތުން ގައިންގަޔަށް އަރާބަލިތަކުން ރައްކާތެރިކުރުމަށް ހިންގި ޕްރޮޖެކްޓުގެ ތަކުގެ ދަށުން އެތަށް މިލިޔަން ޑޮލަރެއް އެމެރިކާ ސަރުކާރުން ގާޒާ ފޮނުވިއެވެ. ނަމަވެސް އެއީ އެހެން ގާޒާއެކެވެ. އެއީ އެފްރިކާގެ މޮޒަމްބީކުގައި އޮންނަ ގާޒާއެކެވެ. ފަލަޞްޠީނުގެ ޣައްޒާއެއް ނޫނެވެ. ސޯޝަލް މީޑިޔާގައި ބައެއް މީހުން ހާމަކޮށްފައިވާގޮތުން، ފަހަރެއްގައި އެމެރިކާ މީހުންގެ ހިތުގައި ފަލަޞްޠީނުގެ އާބާދީ ކުޑަކޮށްލުމުގެ ވިސްނުން އޮތް މިންވަރު ބޮޑުކަމުން މިފަދަ ކަނޑުކޮސް ވާހަކަ ހަމަ ދެއްކެނީއެވެ.