އަލްއުސްތާޛް އިބްރާހީމް ޙާފިޒު

ބަހުލޫލު ވެސް މިހާރު ދިވެހިރާއްޖޭގައި…

ދިވެހިރާއްޖޭއަކީ ސިޔާސީ މީހުންނަށް ވަނަން ކިޔުމަށް ދުނިޔޭގައި ދެވަނައެއް ނެތްފަދަ ބަޔަކު އުޅޭ ގައުމެކެވެ. ވަކިން ޚާއްޞަކޮށް ވެރިކަންކުރާ މީހުނަށެވެ. މިރާއްޖޭގެ ވެރިކަން ކުރި އެއްވެސް އާދަމުގެ ދަރިއެއް މިކަމުން ސަލާމަތްވެފައި ނެތެވެ. އިހުޒަމާނުގައި ނަމަ، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ރަސްކަލަކަށް ނުވަނަ ރަނިކަމަނާއަކަށް ދެވެނީ ރީތި ނަމެކެވެ. މިހާރުގެ ވެރިންނަށް ދެވޭ ލަގަބުތަކާއި ނަންތައް ކިޔަންޖެހެނީ ސެންސަރު ބޯޑުން ފާސްކޮށްގެންނެވެ.

މިދުވަސްވަރު އެންމެ މަޝްހޫރު ވަނަމަކީ ބަހުލޫލެވެ. ބަހުލޫލު ނިސްބަތްވަނީ ވަކި މީހަކަށްކަން ކަނޑައެޅިގެން އަޅުގަނޑަށް ދަންނަވަން ނޭނގުނަސް ބަހުލޫލަކީ މިހާރު ފަރިތަ ނަމެކެވެ. އެކަމަކު ހިތަށް އަރާ ސުވާލަކީ މި ބަހުލޫލަކީ މިއީ ކިހިނެތް ކޮންތަނަކުން ކޮންހިސާބަކުން ފެށިގެން އުޅޭ ނަމެއްބާވައެވެ. ދިވެހިންގެ ތެރެއަށް މިނަން އައި ގޮތެއް އަޅުގަނޑަކަށް ސާފެއް ނޫނެވެ. ނަމަވެސް އަރަބި އިސްލާމީ ތާރީޚީ ފޮތްތަކުން އެނގޭ ގޮތުން ބަހުލޫލަކީ، އިލްމާއި ހިލްމު ލިބިވަޑައިގެން ހުންނެވި މޮޅު އިލްވެރިއެކެވެ. ހާރޫނު ރަޝީދުގެ ޚިލާފަތުގެ ދުވަސްވަރު އުޅުއްވި ދީންވެރި ޒުހުދުވެރިއެކެވެ.

ބަހުލޫލުގެ އަސްލު ނަމަކީ ވަހަބު ބިން ޢަމްރު އެވެ. ބުނެވޭގޮތުން، ޚަލީފާ ހާރޫނުއްރަޝީދުގެ ޚިލާފަތަށް ޝީޢީންގެ ހަތްވަނަ އިމާމް މޫސާ އަލް-ކާޒިމްގެ ފަރާތުން ނުރައްކާވެދާނެކަމަށް ގަބޫލުކުރެވިގެން އިމާމާދެކޮޅަށް ހާރޫނުއްރަޝީދު ރޭއްވުމެއް ރޭއްވެވިއެވެ. އަދި އިމާމްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު އަޅުވައި، އެދުވަސްވަރުގެ ދަންނަބޭކަލުންނާއި ތަޤުވާވެރިންގެ ކިބައިން އިމާމާ ދެކޮޅަށް ޝަރުޢީ ޙުކުމެއް ހޯދަން އެދުނެވެ. ބަހްލޫލް ފިޔަވައި އެންމެންވެސް ޚަލީފާ ބޭނުންފުޅުވި ޙުކުމް ދެއްވިއެވެ. ބަހްލޫލް އެ ނިންމުމާ ދެކޮޅުހެދިއެވެ. ނަމަވެސް، ބަހުލޫލު ޚަލީފާގެ ކިބައިން ސަލާމަތްވެ ވަޑައިގަތެވެ. ބަހުލޫލު ހެދިވަޑާމަކީ އިމާމުގެ ބަހަށް ބުއްދި ހަމަނުޖެހޭ މީހެއް ކަމަށް ހެދިގަތީއެވެ. އޭގެފަހުން ޚަލީފާއާއި އެޒަމާނުގައި އުޅުނު އަނިޔާވެރި އަމީރުންނާއި ޤާޟީންނަށް ފުރައްސާރަކޮށް، ފާޅުގައި ހަޖޫޖަހަން ފެށިއެވެ. ވެރިން ދެކެނީ ބަހުލޫލަކީ މޮޔައެއްކަމަށް ކަމުން، އޭނާއަކާ އަޅައެއް ނުލައެވެ. އެހެންނަމަވެސް، މީހުން އޭނާގެ ޙިކުމަތްތެރިކަމާއި ތޫނުފިލަކާއި މޮޅުކަން ޤަބޫލުކުރިއެވެ. މިއަދުވެސް އޭނާގެ ވާހަކަތައް ތަފާތު މަޖިލިސްތަކުގައި ކިޔައިދެވި، އަޑުއަހާ މީހުންނަށް އަގުހުރި ފިލާވަޅުތަކާއި ޙިކުމަތް ދަސްކޮށްދެވެއެވެ.

© 2023 milauthuru. All rights reserved.