މިލައުތުރު

ބިރު ބޮޑު ކެންސަރު ބަލީގައި 1،400 އަށްވުރެ ގިނަ މީހުން، ދުންފަތާ ދުރުވާން ރައީސް އެދިވަޑައިގެންފި

ބިރު ބޮޑު ކެންސަރު ބަލީގައި ރާއްޖޭގައި މިހާތަނަށް 1،400 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ މި ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު، ދުންފަތާ ދުރުވާން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެ ބަލިން ސަލާމަތްވުމަށް އެކަމާ ދުރުހެލިވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ރައީސް ވަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި އެ ނުބައި އާދައިން ދުރުވުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލައްވައިފަ އެވެ.

މި ބައްޔަކީ ރާއްޖޭގައި ގިނަ ބަޔަކު ތަހައްމަލުކުރަމުން އަންނަ ބައްޔެކެވެ. އެގޮތުން ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވެސް 1،400 އަށް ވުރެ ގިނަ ބަޔަކު މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ.

ދުންފަތާ ދުރުވާން ރައީސް އިލްތިމާސް ކުރެއްވި އިރު މި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން މަނާކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 އިންސައްތަ ބޮޑުކޮށްފަ އެވެ

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.