އަލްއުސްތާޛް އިބްރާހީމް ޙާފިޒު

ކޮން ވާނުވާއެއް؟ ޝަރުޢީ ނިޒާމުވެސް އޮތީ ވާނުވާގައި…

ކިތަންމެ ކުޑަ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެއްޖިނަމަ، ފުލުހުން ބަލަނީ އެމީހާ ވީހާ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށެވެ. މިއީ ދިފާޢީ ވަކީލެއްގެ ގޮތުން އަޅުގަނޑުކޮށްފައިވާ ތަޖުރިބާއެވެ. ތުހުމަތު ކުރެވޭ މީހާގެ އަތުން ފެންނަ މަސްތުވާ ތަކެއްޗަކީ މަސްތުވާތަކެތީ ވިޔަފާރި ކުރިކަމުގެ ދައުވާ ކުރެވޭ މިންވަރަށް ބަރުދަން ހަމަނުވާ މަސްތުވާތަކެތި ކަމުގައިވިޔަސް، އެމީހަކުވެސް ދިހަބާރަ ދުވަހަށް ބަންދުކުރަން ފުލުހުން ގަދަފައިވިއްދަނީ ކޮންކަމެއް ހާޞިލުކުރަން ބޭނުންވެގެން ކަމެއް ނޭނގެއެވެ. މުއްތަހަމު ކޯޓުގައި ބުނަނީ ތިމަންނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށެވެ. ޖަދަލުކުރާ މީހަކަށް ބުނެވެން އޮންނަނީ، މުއްތަހަމަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށެވެ. މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ބަންދުކުރަންޖެހޭ މީހެއް ކަމަށެވެ. ކޮންމެވެސް ފަތިވަރެއް ދަމާފައިވެސް ބޭނުންވަނީ މުއްތަހަމު ބަންދުކުރާށެވެ.

ހަގީގަތުގައި، ތުހުމަތެއްގައި މީހަކު ހައްޔަރުކުރެވިއްޖެނަމަ، ދެން އޮންނާނީ ތަހުގީގުކުރުމެވެ. ބަންދުގައި ބަހައްޓަނީވެސް އަސްލުގައި އެބޭނުމުގައެވެ. މިދަންނަވަނީ ކުށުގެ ބާވަތުން ގާނޫނުގައި ބުނާ ސަބަބެއް އޮތްނަމަ ބަންދު ނުކުރާށެކޭ ނޫނެވެ. މުއްތަހަމެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތުން ގާނޫނުގައި ބުނާ މިންގަނޑުން ބަންދުކުރަންޖެހޭ ޙާލަތެއް އޮތްނަމަ އެޙާލަތާ އެކަށީގެންވާ ގޮތެއްގެމަތިން ބަންދުގައި ބެހެއްޓިދާނެއެވެ. ނަމަވެސް، ވަރަށް ގިނަފަހަރަށް ފުލުހުންނަށް ހީވެފައި އޮންނަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ހަމަ ކޮންމެ މީހަކުވެސް ތަހުޤީޤު ނުވަތަ ޝަރީޢަތް ނިމެންދެން ހުންނަންޖެހެނީ ބަންދުގައި ކަމަށެވެ.

ދެންއޮންނާނީ ޕްރޮސެކިއުޓްކޮށް ޝަރީއަތްކުރުމުގެ މަރުހަލާއެވެ. ދައުވާކުރަނީ ޕްރޮސެކިއުޓަރ ޖެނެރަލެވެ. އެއޮފީހުގެ މަސައްކަތް ރާސްޓަސް އުޞޫލުން އަވަސްކުރަން އުޅުނު ކަމުގައިވިޔަސް، އެއޮފީހުގައިވެސް މަސައްކަތްކުރުމަށް ތިބެނީ އާދަމުގެ ދަރިންނެވެ. ވަކި އަދަދެއްގެ ވަކީލުންނާއި އިދާރީ މުވައްޒަފުންނެވެ. މަސައްކަތް އަވަސްކުރުމުގެ ގޮތުން، އެއޮފީހަކީ ވަރަށް ގިނަކަންކަން ކޮމްޕިއުޓަރައިޒްކޮށްގެން ހިންގާ އޮފީހެކެވެ. ޒަމާނީ އޮފީހެކެވެ. އެހެންނަމަވެސް ކުރިން ދެންނެވިހެން، މަސައްކަތްކުރެވޭނީ އިންސާނީ ވަޞީލަތްތައް އޮތް މިންވަރެއްގެ މައްޗަށެވެ. ނިންމަންޖެހޭ މައްސަލަތައް އެހާ ގިނައެވެ. މައްސަލައެއް ނިމުނަސް، މުޖުތަމައުގައި ކުށްކުރުން އިތުރުވާނަމަ އިތުރުވާނަމަ، ޕީޖީ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަކަށް ދާނީ އިތުރުވަމުންނެވެ. ބުރަ އަންނާނީ ބޮޑުވަމުންނެވެ.

ދެންއޮތީ ކޯޓުތަކެވެ. ކޯޓުތަކުންވެސް އެބުނަނީ ޝަރީޢަތްކުރާނެ ތަންތަންވެސް ނެތް ވާހަކައެވެ. އެއާގުޅުވައިގެން ފުޓުބޯޅަ ދަނޑުތަކާއި ސްކޫލުތަކުގައި ޝަރީޢަތްކުރުމުގެ އޮޕްޝަން ކޯޓުތަކަށް ލިބިފައި އޮތްވާހަކަ ސަރުކާރުގެ އިސްވެރިން އެބުނަނީ ކޯޓުތަކުގެ ޙާލަތާއި ހައްލުވެސް އެވެރިންނަށް ހަމަ ރަނގަޅަށް އެނގޭތީއެވެ. އެވާހަކަ އިހަށް ބާއްވަމާހެއްޔެވެ. ހަގީގަތަކީ ޖިނާއީ ޢަދުލުގެ ނިޒާމެއް ހިންގުމަށްޓަކައި ބޭނުންވާ މިންވަރަށް އެކަށީގެންވާ ތަމްރީނު ލިބިފައިތިބި މުވައްޒަފުންނެއް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ނެތެވެ. ކޯޓުތަކުން އެވާހަކަ ނުދެއްކި ކަމުގައިވިޔަސް އެއީ އަމިއްލަ ތަޖުރިބާގެ އަލީގައި ބުނަން ކެރޭ ވާހަކައެކެވެ. ކޯޓުތަކުން ދޭ ޚިދުމަތްތައް ދިނުމަށް އަދިވެސް ބޭނުންކުރަނީ މުޅިންހެން ކައްޓަރު ގޮތްތަކެވެ. މަދު ކޯޓެއްގައި މެނުވީ ޒަމާނީ ވަޞީލަތްތަކެއް ނެތެވެ.

ވާހަކަ ދައްކާމީހުންނަށް ހަމަ ކިތަންމެ މޮޅު ވާހަކަތަކެއްވެސް ދެއްކިދާނެއެވެ. އެހެންނަމަވެސް، މިދިޔަ ފަނަރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުތަކަށް ހަރުދަނާ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތެވެ. އިމާރާތް ގަނޑެއް ފޯރުކޮށްނުދެވުނުތާ، މަސައްކަތް ކޮށްފައިވަނީ ހީލަތްތެރިކަމާއެކު ކޯޓުތަކަށް އަތްބާނައި ތިމާގެ އަމިއްލަ ރަހަތަކަށް ފިހެފައި އޮންނަ ބޯކިބަލެއްގެ އިންސާފު ރައްޔިތުންނަށް ނެރެދޭށެވެ. އެކަން ހުއްޓާލަން ވެއްޖެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.