ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ކުރިމަތި ލާފައިވާ ދެ ފަރާތުން ކުރެ ކޭ ޓީ ކެޕޭ އަށް ބިޑް އެވޯޑް ކުރުމަށް ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމަވައިފިއެވެ.
މިއީ ބިޑް އެވޯޑް ކުރާ ފަރާތް ބަދަލުވި 3 ވަނަ ފަަހަރު ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ކުރިން އެ ބިޑް އެވޯޑް ކުރުމަށް ނިންމަވާފައިވަނީ ސަންސެޓް ފުޑްސް ނަމަކަށް ކިޔާ ކެފޭ އަކަށެވެ. އެ ފަރާތަށް އެވޯޑް ކުރަން ގަސްދުކުރައްވާކަން އަންގަވާފައިވަނީ 31 ޑިސެމްބަރު 2024 ގައެވެ. ކުރިން ބުނިއެތި ކެންސަލުކުރައްވާ ކޭޓީ ކެފޭއަށް އެވޯޑް ކުރެއްވުމަށް ކޮޅު ބަދަލުކުރައްވާފައިވަނީ 30 ޖެނުއަރީ 2025 ގައެވެ.
ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ބިޑަށް އިޢުލާން ކުރިއިރު ވެސް އަދި ހުށަހެޅިއިރު ވެސް އޭގެ ތެރެއިން އެއް ފަރާތްކަމުގައިވާ ކޭޓީ ކެފޭ އަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތެކެވެ. އެއީ ބިޑް ހުށަހެޅުމުގައި ހުރުން ލާޒިމުވާ ޝަރުޠެކެވެ. އަދި ސަންސެޓް ފުޑްސްއަށް ބިޑް އެވޯޑުކުރައްވަން ނިންމެވި ފަހުން، އިތުރު އިޢުލާނެއް ކުރެއްވުމަކާނުލާ، ކޮޅު ބަދަލުކޮށްލެއްވީ ފަހުން އެފަރާތުން ޖީއެސްޓީއަށް ރަޖިސްޓަރީ ކުރުމުންނެވެ.
ބިޑް ޕްރޮސެސްއެއްގެ މެދުތެރެއިން ޝަރުޠުތައް ހަމަކޮށްގެން އުނި އިތުރު ގެނައުމަކީ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފުކަމެއް ކަން ޔަޤީނެވެ. ބިޑް ކެނޑުމަށް ފަހު އެފަދަ ޝަރުޠުތައް ހަމަކުރުމުގެ ފުރުޞަތު ދިނުމީ ވަކި ފަރާތަކަށް މަންމާއެއް ހޯދައިދިނުމުގެ ޢަމަލެއް ކަމަށް ތުހުމަތު ކުރެވިދާނެއެވެ.
އަދި އެންމެ ހައިރާންވާ ކަމަކަށް ފާހަގަކުރެވުނީ ސަންސެޓް ފުޑްސްއަށް ވުރެ 15 އަހަރު ފަހުން ވުޖޫދުވި ކޭޓީ ކެފޭއަށް ތަޖުރިބާއަށް ވެސް ގިނަ މާކްސް ލިބިފައި ވުމެވެ. ތަޖުރިބާއަށް ސަންސެޓަށް ލިބިފައިވަނީ 7 މާކްސްއެވެ. ކޭޓީ ކެފޭއަށް 9 މާކްސް ލިބިފައި ވެއެވެ. އަދި ކޭޓީ ކެފޭއަކީ ދުވަހަކުވެސް ފުލުހުންނަށް އެފަދަ ޚިދުމަތެއް ކުރިން ދިން ފަރާތެއް ވެސް ނޫނެވެ. ކުރިންވެސް ފުލުހުންނަށް ޚިދުމަތް ދިން ފަރާތަކީ ސަންސެޓް ފުޑްސްއެވެ. އެހެންކަމުން ތަޖުރިބާއެއް ނެތް ބަޔަކަށް ތަޖުރިބާ ކެޓެގަރީން މަތިން މާކްސް ލިބެނީ ކޮން ފޯމިއުލާއަކުންތޯ މީހުން ސުވާލުއުފައްދައެވެ.
މަޢުލޫމާތު ލިބޭގޮތުގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެއްވުމުން ސަންސެޓުން ވަނީ މި މައްސަލަތަކުގެ ޝަކުވާ ހުށަހަޅާފައެވެ. އަދި އޭސީސީއަށް ވެސް މި މައްސަލަ ވެއްދުމަށް ތައްޔާރުވަމުން ދާ ކަމަށް މަޢުލޫމާތު ލިބެއެވެ.