އުސްތާޛް ޒަކީ

ގެރިކިރަށް ވުރެ ކުރަފިކިރުގެ ފައިދާ ތިންގުނަ ބޮޑު – ދިރާސާ

އިންސާނުން މިހާރު ބޭނުންކުރަމުން މިގެންދާ ގެރީގެ ކިރަށްވުރެ ކުރަފިކިރުގެ ފައިދާ ތިން ގުނަ ބޮޑުކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން މިކަން ހާމަކޮށްފައިވަނީ އެމީހުން ކުޅަ ދިރާސާއަކުން ދައްކާގޮތުގައި ކިރު އުފެދޭ ބާވަތެއްގެ ކުރަފީގެ ކިރުގައި އާދަޔާ ޚިލާފު މަތީ މިންވަރަކަށް އިންސާނުންނަށް ބޭނުންވާ ޕްރޮޓީން މާއްދާ އެކުލެވޭތީއެވެ. ވަރަށް ސާފުކޮށް ހުދުކޮށް ހުންނަ ކުރަފިކިރަކީ ޞިއްޙީގޮތުން ވަރަށް ވެސް ފައިދާ ހުރި ކިރުގެ ބާވަތެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކިރު އުފައްދާ ބާވަތުގެ އަންހެން ކުރަފީގައި ކިރުޖަމާވާ ޤުދުރަތީ ނިޒާމެއް އެކުލެވޭކަމަށާއި، އެ ކިރު ނަގައިގެން ވިޔަފާރީގެ އުޞޫލުން ބޭނުންކުރުމަށްޓަކައި ހާވެސްޓު ކުރެވިދާނެ ކަމަށް ވެސް ސައިންސްވެރިން ހާމަކުރެއެވެ. އެހެންކަމުން ބައެއް ވިޔަފާރި ކުންފުނިތަކުން ކުރަފިކިރު އުފެއްދުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ކުރަފިކިރު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ކުރަފިކިރުގެ ފައިދާ ބޮޑުކަމުންނާއި، ވިޔަފާރީގެ އުޞޫލުން ގިނަ މިންވަރަކަށް އުފެއްދުމުގައި ގޮންޖެހުންތައް ހުރީތީ އިތުރު ދިރާސާތަކެއް ދަނީ ކުރެވެމުންނެވެ. އަދި ކުރަފިކިރު ހާވެސްޓް ކުރުމަކީ ”ލޭބާރ-އިންޓެންސިވް“ ކަމަކަށް ވާނެތީ، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރެވިދާނެ ގޮތްތައް ހޯދާންޖެހިފައިވާ ކަމަށާއި، ކިރު އުފައްދާ ކުރަފި ބްރީޑްކޮށްގެން ބޭނުންވާ މިންވަރަށް އޭގެ ކިރު ހާވެސްޓް ކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ޙަޔާތުގެ ކޮންމެެވެސް ހިސާބެއްގައި ކުރަފިކިރުގައި ކޮފީއެއް ބޯލަން ލިބޭނެކަމަށް އުންމީދުކުރެވެއެވެ.