މިލައުތުރު

މި މަހުވެސް ދައުލަތުގެ އާމްދަނީ ދަށަށް، އިޤްތިޞާދީ – މާލީ ޙާލަތު ރަނގަޅުވާތަނެއް ނުފެނޭ.

ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް ދައުލަތަށް އާމްދަނީގެ ގޮތުގައި މި މަހު ލިބުނު މިންވަރު ބޮޑުތަނުން ދަށްވެއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ ލިބިފައިވަނީ 3.7 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 874 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމްލަ 4.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެންނަނީ ޖުމްލަ އާމްދަނީ ދަށްވުމުގެ އިތުރުން ޓެކްސް އާމްދަނީ އާއި އެހެނިހެން  އާމްދަނީތައް ވެސް ދަށްވެފައި ވެއެވެ. މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ލިބުނީ 3.3 ބިލިއަން ރުފިޔާ ކަމަށާއި، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއްވި ހިސާބުތަކުން ކަށަވަރުވެއެވެ. މިއީ ވޭތުވެދިޔަ މުއްދަތާ އަޅާބަލާއިރު 16 އިންސައްތަ ދަށް މިންވަރެކެވެ.

މާލީ ވުޒާރާގެ ތަފުޞީލުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 138 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 384 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ %64 ގެ ދަށްވުމެކެވެ. ސުވާލަކީ އިޤްތިޞާދީ އަދި މާލީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ވިޔަވަޅުތަކުގެ ހެޔޮ ނަތީޖާއެއް އެބަ ފެނޭތޯއެވެ؟