އިބްރާހީމް ޙާފިޒު

މަރިޔަންމާ އެނގޭތަ؟

މަރިޔަންމަލަކީ، ހަނަފަސް ޞަޙަރާގައި ހެދޭ ގަހެއްގައި އަޅާ މަލެކެވެ. ދިވެހިބޭސްވެރިކަމުގައިވެސް ބޭނުންކުރާ މިމާ ޢާންމުގޮތެއްގައި ހެދެނީ މެދުއިރުމަތީގެ ގައުމުތަކުގައެވެ. މަރިޔަންމާ ހުންނަނީ އެތެރެއަށް އޮޅިފައި މޫތަކެއްގެ ސިފައިގައި ބޮނޑި ބޯއްޓާ ވައްތަރު ގޮތަކަށެވެ. ދިވެހިރާއްޖޭގެ ހެދޭ އެއްޗެއް ނޫންކަމުގައިވިޔަސް މިމަލަކީ ދިވެހިން ކުރީ ޒަމާނުއްސުރެ ދަންނަ މަލެކެވެ. މާބަނޑު އަންހެނުން ނުވިހައިގެން ހަދާނެ ގޮތްހުސްވެގެން ކަންވެރިކަންކުރާ މީހަކު ލައްވައި މި މާ ފެނަށް ލައިގެން މަރިޔަމް ސޫރަތް ކިޔަވައި ހަދާކަމަށް މީހުން ބުނެއުޅެއެވެ. މިހާރުވެސް މެދުއިރުމަތީގެ ބައެއް ގައުމަތަކާއި ޔޫރަޕުގެ ބައެއް ގައުމުތަކުގައި އަންހެނުންގެ މައްސަރު ކަންތަކާ ގުޅިގެން އަންނަ ތަދުތައް ފިލުވުމަށާއި ހުޅުތަކުގައި ރިއްސުމާއި ނޭވާ ހިއްލުމުގެ އުނދަގޫތަކަށް ބޭހެއްގެ ގޮތުން މަރިޔަންމާ ބޭނުން ކުރެއެވެ.
ގަސްގަހާގެހީގެ އިލްމުވެރިން ބުނާގޮތުން ވަރަށް މަދުން ފެން ލިބޭ ހަނަފަސް ސަހަރާ ފަދަ މާޙައުލުތަކުގައި ގިނަދުވަސްވުމުން މަރިޔަންމަލުގެ ފިޔަތައް ބުޅިވެ ހިކި ބޯޅައެއްގެ ސިފައަށް ބަދަލުވެއެވެ. އަދި ވަޔާ އެނބުރެމުން ސެނބުރެމުންދާނެއެވެ. އެހެން އޮންނައިރު އެ މާ ހީވާނީ އެއްވެސް ދިރުމެއްނެތް އެއްޗެއް ހެންނެވެ. އެކަމަކު، ފެން ލިބުމާއެކު ރޯވެ، ދިރުންއާދެއެވެ. މި ސަބަބަށްޓަކައި މި މަމަލަށް ރިސަރެކްޝަން މަލޭވެސް ކިޔައެވެ.
މިފަހުން މަރިޔަންމަލުގެ އަޑު ގަދަވެފައިވާކަން ފާހަގަވެއެވެ. ޒުވާން ބޮޑުބެރު ގުރޫޕަކުންމިފަހުން ނެރުނު ވީޑިއޯ ލަވައެއްގައި މަރިޔަންމަލޭ ކިޔާތީއެވެ. މަރިޔަންމަލޭ ކިޔަނީ އެލަވައިގައި ފެންނަ ކުއްޖާއަށެވެ. އެކުއްޖާ ތާޒާވެފައި ރީއްޗެވެ. ނަމަވެސް މަރިޔަންމަލަކީ އާންމުގޮތެއްގައި ފެންނަފެނުމަށް ހިކި ބޯޅައެއް ކަހަލައެއްޗެކެވެ. އިތުރަށް ފާހަގަކޮށްލަންޖެހޭ ކަމަކީ ރާއްޖޭގައި އާންމުގޮތެއްގައި މަރިޔަންމާ ގުޅުވާފައިވަނީ ދަރިމައިވުމާއި މާބަނޑު މީހުންގެ ސިއްޙަތާއެވެ. 2020 ވަނަ އަހަރު ދ.ރިނބުދޫ ކައުންސިލާއި އެރަށު ސިއްޙީ މަރުކަޒު ގުޅިގެންވަނީ ބަލިވެއިނުމާއި ވިހެއުމާއި ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި މާލީގޮތުން ފޯރުކޮށްދޭ އެހީތެރިކަމާއި މާލީ ގޮތުން ނޫން ގޮތުން މައިމީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަރިމަންމާ ނަމުގައި ޕްރޮގްރާމެއް ހިންގާފައިވާކަން ފާހަގަވެއެވެ.

One Reply to “މަރިޔަންމާ އެނގޭތަ؟”

  1. fezq

    Mila ithuru habaru thah kiyaalan varah faseyha. Bahuge hamathakaai, basmagu athuraafaa onna goi varah reethi.ihaatu hunna Gina noos thakugai liyefa hunna liyun thakah vure kiyaalan varah faseyha kamah faahaga kurevey thee dhannvaalee. Mila Uthuru team ah saabas,

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި