ކަންބޮޑުވާ މިންވަރަށް ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، އެރަށުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ ސިހުރުގެ މައްސަލާގައި ކުޅުދުއްފުށީގެ ދިހަ ގެއެއް ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޮޕަރޭޝަން ކުރިއަށް ގެންދާތީ، އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީގައި ސިހުރު ހެދުމާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް އެރަށު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
ކުޅުދުއްފުށީގެ ބައެއް މީހުން ބުނާ ގޮތުގައި ސިހުރުގެ މައްސަލަ އެރަށުގައި ބޮޑުވެ، ގިނަ ގެތަކުގައި މިހާރު ހުންނަނީ ކެމެރާ ވެސް ހަރުކޮށްފަ އެވެ. އެ ރަށުގެ ބައެއް ގެތަކަށް ސިހުރު ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް މީސް މީޑިއާގައި މިފަހުން ދައުރުވެފައިވެ އެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިންވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް، ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ. ދާދިފަހުން ސިހުރުގެ މައްސަލައެއްގައި ތ. ވިލުފުއްޓާއި ރ. އަލިފުއްޓާއި ރ. މީދޫގެ ގެތަކަކަށް ފުލުހުން ވަދެ، ފާސްކުރިކަން ފާހަގަ ކުރެވެ އެވެ.