ސެޕްޓެމްބަރު 10، 2024 ގައި ނ. ހޮޅުދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ (50 އަހަރު) ގެ މަރުގެ މައްސަލައިގައި ހެދި ވާޗުއަލް އޮޓޮޕްސީ ރިޕޯޓުން ވެސް ދައްކަނީ އަމިއްލައަށް މަރުވި ކަމަށެވެ.
ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްގެން ހެދި އެ ވާޗުއަލް އޮޓޮޕްސީގައި ވަރަށް ތަފްސީލުކޮށް އެއީ އަމިއްލައަށް މަރުވި ހާދިސާއެއްކަން ބަޔާންކޮށްފައިވެއެވެ. ވާޗުއަލް އޮޓޮޕްސީގައި ސީން އޮފް ކްރައިމް އިން ހޯދުނު ފޮޓޯތަކާއި ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތަކާއި މެޑިކަލް ހުރިހާ ލިޔެކިޔުންތަކުގެ އިތުރުން ތަހުގީގަށް ލިބިފައި ހުރި ބަޔާންތައް ދިރާސާކުރިކަމަށް ވެއެވެ. އަދި ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްގެން ހަދާފައިވާ ހުރިހާ ޓެސްޓް ރިޕޯޓެއް ވެސް ވާޗުއަލް އޮޓޮޕްސީގައި ދިރާސާކޮށްފައި ވެއެވެ. ވާޗުއަލް އޮޓޮޕްސީ ހަދަނީ ވެސް ފިޒިކަލް އޮޓޮޕްސީ ހަދާ ޑޮކްޓަރުންނެވެ.
އެފްބީއައި ގެ ތަހުގީގު ރިޕޯޓާއި އިނގިރޭސިވިލާތުގައި ތަހުގީގުކުރާ ކޯސްތަކުގައި ކިޔަވަދޭ މީހުންގެ ރިޕޯޓުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ކުރި ތަހުގީގުގެ ރިޕޯޓުން ވެސް ދައްކަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށެވެ.