ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 194 މިލިއަން ޖަޕާނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ދޭން ނިންމައިފިއެވެ.
މި އެހީ އަކީ ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) ގެ ދަށުން މި އަހަރަށް ދެއްވުމަށް ހަމަޖެހިފައިވާ ހަ ސްކޮލަޝިޕް ފުރުޞަތުގެ ތެރެއިން ދޭ އެހީއެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ޝެރީނާ ޢަބްދުއްޞަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުޞަތު ލިބިގެން ދެ އެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.