ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނީ ކުޅުދުއްފުށި ސިޓީގެ ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލައެއްގައި ކަން ހިނގައި ދިޔަ ގޮތް އެ އިދާރާއިން ބަލަމުން އަންނަ ކަމަށެވެ.
”އެކްސް“ ގައި ކުރި ޕޯސްޓެއްގައި އެންއައިސީން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތް ދެނެގަތުމަށް އެ ކޮމިޝަންގެ ކުއްލި ހާލަތްތަކުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި މީހާ އަށް ކުޅުދުއްފުށި ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށެވެ.
މި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ޓީމުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.