މިލައުތުރު

މިސަރުކާރަށް ޖެއްސުންކުރަމުން ގެންދާ ދެމަފިރިއަކު ހަސަން ކުރުސީ އަތުލައިގެންފި.

ހަސަން ކުރުސީގެ ދުރުމީއަށް މިފަހަރު އަރާފައިވަނީ މާލޭ ސިޓީ ކައުންސިލަށް އާންމު އުޞޫލުތަކާ މިންގަނޑުތަކާ ޚިލާފަށް އެޑްމިނިސްޓްރޭޓިވް ކޮންސަންޓެންޓެއްގެ މަޤާމު ހަމަޖައްސާފައިވާ މަރިޔަމް ނާޒިމާ ނަމަކަށް ކިޔާ މީހެކެވެ.

ސޯޝަލް މީޑިޔާ އެކްޓިވިސްޓް ހަސަން ކުރުސީ އެކްސްގައި ހާމަކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭގޮތުގައި ނާޒިމާއަށް މުސާރައަށް މަހަކު 35،000 ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ. އަދި އެހެނިހެން އިނާޔަތްތަކާއެކު ޖުމްލަ 55،000 ރުފިޔާ މުސާރައިގެ ގޮތުގައި ގެއަށް ގެންދަވާކަމަށެވެ. މަރިޔަމް ނާޒިމާ އަކީ މާލޭ މޭޔަރު އާދަމް އާޒިމްގެ އަނބިކަނބަލުންގެ ”ބެސްޓް ފްރެންޑް“ ކަމަށާއި، ވަޒީފާ ދެއްވުމުގައި ވެސް ގެންގުޅުއްވި ހަމައެކަނި މިންގަނޑަކީ އެއީ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ނާޒިމާ އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކު މިނިސްޓްރީގެ ނައިބު ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ހަސަން ކުރުސީ ބުނެފައިވަނީ މިހާރު ފައްޔާޒު އިސްމާޢީލް ކުރެން އައްސަވައިފިނަމަ ވިދާޅުވާނީ ނާޒިމާ އައްޔަނުކުރެވުނުކަމީ ކުރެއްވުނު މޮޔަކަމެއް ކަމަށާއި، އެކަމާ ހިތާމަވެސް ކުރައްވާނެ ކަމަށެވެ.

ނާޒިމާގެ ފިރިކަލުންނަކީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް އެސިސްޓެންޓް ޖެނެރަލް މެނޭޖަރެއްގެ މަޤާމަށް އެމްޑީޕީގެ ސަރުކާރުން އައްޔަނު ކުރައްވާފައިވާ ފާރޫޤު އަޙްމަދު ނަމަކަށް ކިޔާ ބޭފުޅެކެވެ. މި ފާރޫޤު އަޙްމަދަކީ އެމްޑީޕީގެ މަޖިލިސް މެންބަރު އަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެ ތިމާގެ މީހެކެވެ. ފާރޫޤުގެ ފޮރުވިފައިވާ ކޮންމެވެސް އެޖެންޑާއެއްގެ ދަށުން ކުރާހާވެސް ކަމަކީ މުވައްޒަފުންނަށް ޖެއްސުންކޮށްގެން ސަރުކާރާ މެދު އެމީހުންގެ ހިތުގައި ނަފުރަތު އުފެއްދުން ކަމަށް މުވައްޒަފުން ތުހުމަތު ކުރެއެވެ.

މި ނޫހަށް މަޢުލޫމާތު ދިން ބައެއް މީހުން ބުނިގޮތުގައި، ވޭތުވެދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި އެތަކެއް މުވައްޒަފުންނެއް އިސްތިއުފާދިނުމަށް ފަހު އެގްރޯނެޓް ދޫކޮށް ގޮސްފައިވާ ކަމަށާއި، ވަރަށް އިހާނެތި ގޮތްގޮތަށް މީހުންނަށް އަމަލުކުރާ ވަރަށް ޙީލަތްތެރި މީހެއް ކަމަށެވެ. ނަމަވެސް އެގްރޯނެޓްގެ ވެރިންނަށް ވެސް އަދި ރެޔަކާ ނުލާކަމަށާއި، އޭނާ އުޅެނީ ވަރަށް ބާރުގައި ކަމަށާއި، ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި ގުޅުން އޮންނަ ކަމަށް ހެދިގެން ކަމަށެވެ.