އިންޑިޔާގެ ބްރީޑެއް ކަމަށްވާ ވިއާޓިނާ-19 ނަމަކަަށް ކިޔާ ބާވަތެއްގެ ގެރިއެއް ބުރެޒިލްގެ ނީލަންކިޔާ ބާޒާރެއްގައި 4.8 މިލިޔަން ޑޮލަރަށް ވިއްކާލާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
މިއީ ނެއްލޯރު ނަސްލުގެ ގެރިއެއް ކަމަށާއި، މިއީ ދުނިޔޭގެ އެންމެ އަގު ބޮޑު ގެރި ކަމަށާއި، މިބާވަތުގެ ގެރި އާލާކުރުމުގެ މަސައްކަތް ބުރެޒިލްގެ ވިޔަފާރިވެރިން ކުރަމުން ގެންދާކަމުގެ މަޢުލޫމާތު ލިބެއެވެ. މިއީ އާދަޔާ ޚިލާފަށް މަސްޖަހާފައި ހުންނަ ޖާނުން ވަރުގަދަ ބިޔަ ބާވަތެކެވެ.
ވިއާޓިނާ-19 އަށް ދުނިޔޭގެ އެންމެ ރީތި ގެރީގެ މަގާމުވެސް ވަނީ ލިބިފައެވެ. ދުނިޔޭގެ އެންމެ ރީތި ގެރި ހޮވުމަށް ބާއްވާ މުބާރާތުގައި ”މިސް ސައުތު އެމެރިކާ“ ގެ މަގާމު މި ގެރިއަށް ވަނީ ލިބިފައެވެ. މިއީ ބަރުދަނުގައި ޓަނެއް ހުންނަ ބިޔަ ބާވަތެއްގެ ހުދު ގެރިއެކެވެ.