ދިވެހިރާއްޖޭގެ ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމު ޢަދުނާނަކީ، މީގެ ކުރިން ސުޕުރީމު ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، މަގާމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި 2014 ވަނަ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ ބޭފުޅެކެވެ. އެއީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގައިދިޔަ ކަމެކެވެ. އެ ފަހަރު، އެއިރު ހުންނެވި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ގެ ކިބައިގައިވެސް ފަނޑިޔާރު ކަމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި މަގާމުން ވަކިކުރިއެވެ. ދެން އޭގެފަހުން ދިވެހިރާއްޖޭ ސުޕުރީމު ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން ސިފައިން ކޯޓަށްވަދެ ހިންގި ސިޔާސީ ހަންގާމާގައި އެވަގުތު ހުންނެވި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާއި ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު ބަންދުކޮށް ޖަލަށްލައި، އެންމެފަހުން އެބޭފުޅުންގެ ފަނޑިޔާރުކަންވެސް ގެއްލިގެން ދިޔައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އެބޭފުޅުން ތިއްބެވީ ޖަލުގައެވެ.
2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަންފެށި މާގިނަ ދުވަސްތަކެއް ނުވަނީސް، ސުޕުރީމު ކޯޓުގެ ބޮލަށް ފިތުމުގެ ސިލްސިލާ އަލުން ފެއްޓެވިއެވެ. ހަމަ އޭގެކުރިންވެސް ކަން ހިނގަމުން އައި މަގުންނެވެ. އެވަގުތު ހުންނެވި އުއްތަމަ ފަނޑިޔާރު އަލްސުތާޛު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މަގާމުން ދުރުކޮށް ސުޕުރީމް ކޯޓުގެ އިތުރު ފަނޑިޔާރުން ތަކެއްވެސް ގެއަށް ފޮނުވާލިތަން ފެނުނެވެ. މިހުރިހާ ކަމެއްވެސް އިއްޔެ ހެނދުނު ހިނގި ކަމެއްހެން އެންމެންގެ ހަނދާނުގައި އަދި ހުންނާނެއެވެ. ހަމަގައިމުވެސް އަޅުގަނޑުގެ ހަނދާނުން އެ ކަންކަމެއް އަދި ފިލާ ނުދެއެވެ.
ދެން މިއޮތީ ރައީސް މުޢިއްޒުގެ ވެރިކަމެވެ. ހަމަ ކުއްލިއަކަށް ސުޕުރީމު ކޯޓުގެ ބެންޗު ކުޑަކުރަންޖެހިއްޖެއެވެ. މަތި އޮމާން ކުރަން ސޭކު ވާހަކަ ނުދެއްކިޔަސް ކުރަން ނިންމާފައިވާ ކަންތަކުގެ އަސްލު ބޭނުމަކީ ސުޕުރީމު ކޯޓާ ކުޅުންކަން ކުޑަކުއްޖާއަށްވެސް އެނގޭނެވެ. ތިޔަ އުޅުއްވަނީ ހަމަ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާށެވެ. ސުޕުރީމު ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ފަހަކަށް ދަށްކުރުމުން، ކޮންމެވެސް ދެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ނުވަތަ ކޮންމެވެސް ކަމެއް ނުކުރައްވާ ކަމަށް ނުވަތަ ބިދުޢަވެރިޔެއް ކަމަށްވިޔަސް ކަނޑައަޅާފައި މަގާމުން ވަކިކުރާނެއެވެ. އެ ދެ ފަނޑިޔާރުން އިހަށް ދުވަހާ ހަމައަށް ތިއްބެވީ މިގައުމުގެ ޢަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ ފަހުބަސް ބުނާށެވެ. އެކަން ޖޯކަކަށް ބަޔަކަށް ނުވިޔަސް މިހިނގާ ކަންކަމުން ކަށަވަރުވާ ކަމެއް އެބައޮތެވެ. އެއިރަކު ވެރިކަމުގައި ތިބޭ ބަޔަކު ބޭނުންވާގޮތަށް ފަނޑިޔާރުގެ ކޮށައި މަށައި އަލުން ބަލުން ތަރުތީބުކުރުމަކީ މިހާރު މިގައުމުގައި ޢުރުފަކަށްވެއްޖެއެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ވެރިކަމުގައި ތިބޭ ބައެއްގެ އަތްދަށަށް ހަމަ ރަނގަޅަށްވެސް ލެވި ނިމިއްޖެއެވެ.