ޝާން މުޙައްމަދު

ބުރާސްފަތީގައި ފްލެޓް ލިސްޓު އާންމު ކުރަނީ، ނުލިބޭ މީހުންނަށް ނުލިބޭ ސަބަބު ވެސް އެނގޭނެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ބުރާސްފަތީގައި އާންމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މި އަންނަ ބުރާސްފަތީގައި އާންމުކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ މައުލޫމާތުގެ އިތުރުން ފްލެޓް ނުލިބޭ ނަމަ، ނުލިބޭ ސަބަބު ވެސް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޯދައިގެ ކުރިން 4،000 ފްލެޓް އިއުލާންކުރާނެ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށެވެ. އެ މައްސަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ފްލެޓް ތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި 4،000 ފްލެޓެވެ. އަދި މި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު، ސަރުކާރު ބަދަލުވާން އެއް ދުވަހަށް ވެފައި އޮއްވައި އިއުލާންކުރި ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފްލެޓްތައް ހަވާލުކުރުން ހުއްޓުވާފަ އެވެ.

އޭސީސީން ބުނެފައި ވަނީ އެ އިދާރާއަށް ހުށަހެޅި ޝަކުވާތަކާ ހެދި ދެ މަސް ދުވަހަށް ކުރި ތަހުގީގުން އެނގޭ ގޮތުގައި ފްލެޓް ލިބޭ ކަމަށް އާންމުކުރި ދާއިމީ ލިސްޓުގައިވާ 4،000 މީހުންގެ ތެރޭގައި ހިމެނޭ 60 އިންސައްތަ މީހުންނަކީ މަކަރާއި އޮޅުވައިލުމުގެ ތެރެއިން ފްލެޓް ކަށަވަރުކުރި މީހުންނެވެ. އަދި އެއީ ހައްގުވެރިން ނޫން ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.