ގެދޮރުވެރިޔާ ސްކީމްގެ ފުލެޓަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވެސް ޝަރުތު ހަމަވެއްޖެ އެވެ.
ކުރީ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައި އޮތް 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓު އާންމުކޮށްފައި ވަނީ މިއަދުގަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި މި ލިސްޓުގައި ޝަރުތު ހަމަ ނުވާ މީހުންނާއި ޝަރުތު ހަމަވި މީހުންގެ ނަންތައް ހިމަނާފައިވާއިރު، ޝަތުރު ހަމަ ނުވި ސަބަބު ވެސް ފާހަގަކޮށްފައިވެ އެވެ.
މި ލިސްޓުގައިވާ ގޮތުން މިނިސްޓަރު ހައިދަރު އާއި އަނބިކަނބަލުން މަރްޔަމް ތައުފީގަށް ތިން ކޮޓަރީގެ ފްލެޓެއް ލިބިފައިވަނީ 75 ޕޮއިންޓު ލިބިގެންނެވެ.
އާއިލާއާ އެކު މީގެ ކުރިން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ހައިދަރު މީގެކުރިން ހުންނެވީ މި ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައިދަރު ހަޔާ އެޑިއުކޭޝަނަށް ބަދަލުކުރައްވާފަ އެވެ.
ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓު އާންމުކުރީ ވެރިކަން ބަދަލުވާން ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓު ބާތިލުކޮށްފައެވެ. އަދި އޭރު އާންމު ކުރި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކޮށް، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.