ރައްޔިތުންގެ ގޭސް ކުންފުނިން 1000 މެޓްރިކް ޓަނުގެ ކައްކާ ގޭސް ޝިޕްމެންޓެއް ގެނައުމަށް ގޮތްނޭނގޭ ބޭރުގެ ކަރުދާސް ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 260،000 އެމެރިކާ ޑޮލަރު ދީގެން ހިންގި ބޮޑު ވައްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާ، ބެލެނިވެރި ކުންފުނި ކަމަށްވާ އެސްޓީއޯ އިން ވިޔަވަޅުތައް އެޅިއިރު ވެސް މިފަދަ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން އޮތީ ގަދަ ނިދީގައި ނިދާފައެވެ.
މި މައްސަލަ ތިލަވުމާ ގުޅިގެން ގޭސް ގަތުމުގެ އެންމެހާ ޒިންމާތަކާއި ބާރުތަކެއް މިހާރު ވަނީ މޯލްޑިވް ގޭހުން ނަގައި، އެސްޓީއޯ އިން ފަށާފައިކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.
ކައްކާ ގޭސް އެތެރެކުރާ މައި ކުންފުނި، މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވީ، ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އަށް ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، ”ގެއްލުނު“ ފައިސާ އަނބުރާ ހޯދިފައި ނުވި ނަމަވެސް އެސްޓީއޯ އިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.