ނުހަނު އިޚްލާޞްތެރި އެހާމެ ޤައުމު ދެކެ ލޯބިފުޅުވާ މީހަކަށް ވެގެން އުޅެބަހައްޓާފައި ރައްޔިތުންގެ ގޭސް ކުންފުނިން 3.7 މިލިޔަން ރުފިޔާގެ ބޮޑު ކަޓެއް ކަޓުވާލި މައްސަލަ ރައްޔިތުންގެ މަޖިލިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފެށުމުން މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުޙައްމަދު (މަދަނީ) އަށް މީހުންގެ ފާޑުކިޔުންތައް އޮހެން ފަށައިފިއެވެ.
މި ތުހުމަތުތަކާ ގުޅިގެން މަދަނީ އަބްދުﷲ ވިދާޅުވީ ގޯހުން ކަމެއް ނުކުރައްވާ ކަމަށާއި، އަބުރުފުޅު ރައްކާތެރި ކޮށްދެއްވުން އެދޭކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާރުވެސް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އެގޮތުން ބެލެނިވެރި ކުންފުނީގެ ދަށަށް ގޭސް ގަތުމުގެ އެންމެހާ ބާރުތަކެއް ވަނީ ނަންގަވާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ކޮމިޓީގައި ދެއްކެވި ވާހަކަފުޅުތަކުން ކަށަވަރުވާ ގޮތުގައި ގެއްލުނު ފައިސާއިން އެންމެ ރުފިޔާ ފޮއްޗެއް ވެސް އަނބުރާ ހޯދިފައެއް ނުވެއެވެ. އެހެންކަމުން ދައުލަތަށް ގެއްލުނު އެއްޗެއް ގެއްލި ނިމުނީއެވެ. ރައްޔިތުން ތިބީ ކަރަންޓު ބިލަކަށް އެފައިސާ އިތުރުކޮށްފާނެތީ ކަންބޮޑުވެފައެވެ.