ކުރިޔަށްއޮއްތާ އިސްރާއީލުގެ އަސީރުން މިނިވަންކުރާނީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ޣައްޒާގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސް އިން މިހެން ބުނެފައިވާއިރު އެ ޖަމާއަތުން ވަނީ ހަނގުރާމައިގެ ރަހީނުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ހަތަރު އަސީރުންގެ ހަށިގަނޑު އިސްރާއީލާ ހަވާލުކޮށްފައެވެ.
ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލާއި ހަމާސް އިން އަމަލުކުރަން ފެށިއިރު، އެކަމުގައި އަދިވެސް ގިނަ ނާކާމިޔާބީތަކެއް ހުރިކަން ހަމާސް އިން ފާހަގަ ކުރެއެވެ. އަދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ މި ހަފްތާގައި ނިމޭއިރު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒު ހިފާފައިވާ ދެން އޮތް މަރުހަލާގެ ނަސީބު އަދި ސާފެއް ނުވެ އެވެ.
ހަމާސް އިން ބުރާސްފަތި ދުވަހު ބުނީ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމަށާއި، ބާކީ ތިބި ރަހީނުން މިނިވަން ކުރެވޭނެ ހަމައެކަނި ގޮތަކީ ހަނގުރާމަ ހުއްޓާލުމަށް ވައުދުވުން ކަމަށެވެ.
ދުވަސްތަކެއް ވަންދެން ދެފަރާތުގެ ރައްދު ހަމަލާތައް ހުއްޓުމަކަށް އައިސްފައިވާއިރު، މިސްރުގެ މެދުވެރިން ބުދަ ދުވަހު ވަނީ މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ރަހީނުކުރި އެންމެ ފަހު ހަތަރު މީހުންގެ ހަށިގަނޑު ހަވާލުކުރިކަން ކަށަވަރުކޮށްދީފަ އެވެ.
ނިރުބަވެރި އިސްރާއީލުން ވަނީ ހަމާސްއިން ރަހީނުކޮށްފައިވާ ހަ މީހަކު ސްޓޭޖް ރަސްމިއްޔާތެއްގައި ހަވާލުކުރުމުން ހޮނިހިރު ދުވަހު ގައިދީން ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ.
ހަމާސްއިން އިސްރާއީލަށް އަނބުރާ ގެންދިޔަ އެންމެ ފަހު ހަތަރު ހަށިގަނޑު މަރުވި ސަބަބު ދެނެގަތުމަށް ފުރިހަމަ ފޮރެންސިކް ތަހުލީލެއް ފަހުން ކުރާނެ ކަމަށް އިސްރާއީލުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޣައްޒާގައި ރަހީނުކޮށްފައިވާ 30 ވަރަކަށް މީހުން ވަނީ މަރާލާފައެވެ.