މިލައުތުރު

ޕީއެސްއެމުން ގެނެސްދޭ ރައީސް މައުމޫންގެ ނަޞޭޙަތުގެ ބަސްކޮޅު ވަރަށް ވެސް ޝައުޤުވެރި.

ޕީއެސްއެމުން ގެނެސްދޭ ”ރޯދައިގެ ހިޔަލުގައި“ ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ ނަޞޭޙަތުގެ ބަސްކޮޅު ވަރަށް ވެސް ޝައުޤުވެރިއެވެ. ވާހަކަކޮޅު ބިނާކުރެއްވީ ރޯދައިގެ މާތްކަމުގެ މައްޗަށެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މުޅި މުސްލިމް އުންމަތުގެ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރެއްވުމަށް ފަހު، ރަމަޟާން މަހުގެ މާތްކަމާ ބެހޭގޮތުން ރައީސް މައުމޫން ވިދާޅުވީ ކީރިތި ޤުރުއާންގައި އެމަހެއްގެ ނަން އައިސްފައިވާ ހަމަ އެކަނި މަހަކީ ރަމަޟާން މަސް ކަމަށެވެ.

ރަމަޟާން މަހަކީ އެމަހެއްގައި ކީރިތި ޤުރާން ބާވާލެއްވި މަސް ކަމަށާއި، އެއީ އަޅުކަމާ ތަޤުވާގެ މަހެއް ކަމަށާއި، ދުވާލުގެ ވަގުތުތަކުގައި ރޯދައަށް ހުރުމާއި، ރޭގަނޑުގެ ވަގުތުތަކުގައި ރޭއަޅުކަން ކުރުމުގައި ވަގުތުތައް ހޭދަކުރުމަށް ނަޞޭޙަތްތެރި ވެލެއްވިއެވެ. އަދި ނުބައި ޢަމަލުތަކާ ދުރުހެލިވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް ނަޞޭޙަތްތެރި ވެލެއްވިއެވެ.