1446 ވަނަ އަހަރުގެ ރަމަޞާން މަހުގައި އައްޑޫ ސިޓީގައި އިހުޔާ ޕްރޮގްރާމް ކުރިޔަށް ގެންދަން އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ނިންމައިފި އޭގެ ފުރަތަމަ ފޯރަމް މިރޭ ހިތަދޫ ސްކޫލްގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
އިހުޔާ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައި އެ ޕްރޮގްރާމުގެ ތާވަލު މިހާރު ވަނީ އާންމުކޮށްފައިވާއިރު ”ދަރުމަ ފޯރަމް“ ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ ފަސް ފޯރަމް ބާއްވާނެ އެވެ.
މި ފޯރާމްތަކާ ގުޅޭގޮތުން މައުލޫމާތު ދެމުން އަންހެނުންގެ ކޮމިޓީން ބުނީ ކޮންމެ ފޯރަމެއްގައި ވެސް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިފަހަރުގެ ފޯރަމްތަކުން އެންމެ ބޮޑު އިނާމަކަށް ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އުމްރާ ދަތުރު ލިބޭނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.
އިހްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 21:30 ގައި ހިތަދޫ ސްކޫލްގައެވެ.
ދެވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ 06 މާރިޗްގައި އިރުޝާދިއްޔާ ސްކޫލުގައެވެ. އަދި ތިންވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 07 މާރިޗްގައި ފޭދޫ ސްކޫލުގައިއެވެ. އަދި 08 މާރިޗްގައި ސ.އަތޮޅު މަދުރާސާގައި މި ފޯރަމް ބޭއްވުމަށްފަހު 10 މާރިޗްގައި މި ޕްރޮގްރާމުގެ އެންމެ ފަހު ފޯރަމް އައްޑޫ ހައި ސްކޫލުގައި ބާއްވާގޮތަށް ވަނީ ނިންމާފައެވެ.
ކޮންމެ ރެއަކުވެސް ބާއްވާ އިހުޔާ ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ގިނަ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި މިފަހަރުގެ ޕްރޮފްރާމުގައި ގިނަ ސްޕޮންސަރުންވެސް ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.
ފާއިތުވި އަހަރުވެސް މިފަދަ ޕްރޮގްރާމެއް އައްޑޫގައި ބާއްވާފައިވާއިރު އެ ޕްރޮގްރާމަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަ ކުރެވެއެވެ.