ކުނި މެނޭޖުކުރުމުގެ މައްސަލައަކީ މުޅި ރާއްޖޭގެ އެކި އެތައް ރަށަކަށް ދިމާވެފައިވާ ދާއިމީ ގޮތެއްްގައި ޙައްލު ބޭނުންވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ކުނި ނައްތާލުމާއި މެނޭޖުކުރުމަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ބޮޑު މަޝްރޫޢެއް ސަރުކާރުން އިފުތިތާޙުކުރެއްވުމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު އުފާފާޅުކުރައްވައިފި އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މި ބޮޑު މައްސަލަ ހައްލުކުރެއްވުމަށް، ރާއްޖޭގެ ތާރީޚުގައި މިހާ ފުޅާކޮށް މި ފެށިގެންދާ މަސައްކަތުގައި، ށ. ފުނަދޫގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒެއް ޤާއިމްކުރުމަށް، އަދި ށ. މާއުނގޫދޫގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުން އަޕްގްރޭޑުކުރުމަށް ސޮއިކުރެވިގެން ދިޔަކަމީ، ލޮބުވެތި ރައްޔިތުންނަށް ލިބުނު ނުހަނު ބޮޑު ހިތްހަމަޖެހުމަކާ އުފަލެއް ކަމަށެވެ.
މިއީ މަންޑޭގެ މަޖިލިސް މެންބަރުކަމުގެ ދައުރުގައި ފުނަދޫ ދާއިރާއަށް ލިބިގެންދާ ވަރަށް ބޮޑު ޢުމްރާނީ ތަރައްޤީއެކެވެ. އަދި ޒަމާންވީ ބޮޑު މައްސަލައަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމެކެވެ. ދާއިރާގެ ރައްޔިތުން ތިބީ މަންޑޭގެ ލީޑަރޝިޕްގެ ދަށުން ތަރައްޤީގެ އެއްވެސް މަސައްކަތެއްގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ އިންތިޒާރުގައެވެ.