ޝާން މުޙައްމަދު

ވެރިކަމާ ހަވާލުވީ އަމިއްލަ ފައިދާއަށް ވިސްނާފައެއް ނޫން – ރައީސް ވަހީދު

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އަމިއްލަފުޅު ފައިދާއަށް ވިސްނާވަޑައިގެން ނޫންކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވީ ވެރިކަމާ ހަވާލުވީ އެވަގުތު ޤައުމަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅު ގޮތްކަމަށް ވާތީއެވެ.

ރައީސް ވަހީދު ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ 1988 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލައްވައިގެންނެވެ. އެއީ ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމަށް މަގުފަހިވަމުން އައި ދުވަސްވަރެކެވެ.

7 ފެބްރުއަރީ 2012 ގައި ރާއްޖެއަށް ކުރިމަތިވި ސިޔާސީ ހާދިސާއާ ގުޅިގެން ރައީސްކަމާ ހަވާލުވެވަޑައިގަތް ޑރ. ވަހީދު، އެ ދުވަސްވަރު ސިފަކުރައްވާފައިވަނީ ޑިމޮކްރަސީގެ ދަތުރުގެ ވަރަށް ކުރީކޮޅުގެ ގޮތުގައެވެ. އެ ނާޒުކު ދަނޑިވަޅުގައި ޤައުމަށް ޚިދުމަތްކުރުމަށް ކުރިއަށް ވަޑައިގަތީ އަމިއްލަ ފައިދާއަކަށް ނޫންކަމަށް ވަހީދި ވިދާޅުވެފައިވެއެވެ.

ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ދާއިރާއަށް ވަންނަނީ ޤައުމަށް ޚިދުމަތް ކޮށްދިނުމަށް ކަމަށާއި، ޤައުމީ ލީޑަރުންނަކީ ޤައުމުގެ ޚާދިމުންކަމަށެވެ. އަދި އެއީ އަމިއްލަ އެދުމެއް އޮވެގެން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ޤައުމުގެ މަސްލަހަތަށްޓަކައި ޤައުމުގެ ގިނަބައެއްގެ ލާބަޔާއި މަންފާއަށްޓަކައި ކޮށްދޭން ޖެހޭ ޚިދުމަތެއްކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.