ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލް ފުޓްބޯޅަ ކުލަބާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުގެ ނަމުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ކީއްވެތޯ ބަލައިލުމަކީ މުހިންމު ކަމެކެވެ.
ފުރަތަމައީ، ރައީސް ކުރެއްވި ދަތުރުފުޅަށް ލިވަޕޫލްގެ ފަރާތުން ފާހަގަކޮށްލެވޭ ވަރުގެ ސަމާލުކަމެއް ލިބިފައެއް ނުވެއެވެ. އެންމެ ފުރަތަމަ އާންމު ކުރެއްވި ޕޮޓޯތަކުގައި ވެސް ރާއްޖެއިން ދިޔަ މީހުން ނޫން އެހެން ބަޔަކު ފެންނާކަށް ނެތެވެ. ފުޓްބޯޅަ ދަނޑަށް ވަޑައިގަތީ ވެސް އެމަނިކުފާނުގެ އަމިއްލަފުޅު ކެބިނެޓުގެ ވަޒީރުބޭފުޅުން ކޮޅަކާ އެކުގައެވެ.
ދެވަނައީ، ދަނޑަށް ވެންނެވުމަށް އެޅުއްވެވި ފާހަކީ އާންމުކޮށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ދޫކުރާ ފާހެކެވެ. އެހެންކަމުން އެއްވެސް ޚާއްޞަ ކަމެއް ނުވަތަ ޝަރަފެއް ލިބިވަޑައިގަތްތަނެއް ފެންނާކަށް ނެތެވެ. މިއީ ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ސަބަބެކެވެ.
ތިންވަނައީ، ލިވަޕޫލްގެ އެއްވެސް ޙަފުލާއަކަށް ދަޢުވަތެއް ލިބިވަޑައިގެން ބައިވެރިވެވަޑައިގެންނެވި މަންޒަރެއް ނުފެނުނެވެ. މިއީ ވެސް އެތައް ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ ކަމެކެވެ. އެހެނީ ޤައުމެއްގެ އެންމެ މަތީ ވެރިޔަކު އެހެން ޤައުމަކަށް ވަޑައިގެންފި ނަމަ، ޚާއްޞަ ޝަރަފެއް އަރުވާތަން ފެނެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމަށް އެއްވެސް ޚާއްޞަ ކަމެއް ލިބިފައެއް ނުވެއެވެ.
ހަތަރުވަނައީ، ދައުލަތުގެ މާލިއްޔާ ބޭނުންކޮށްގެން ކަމާނުބެހޭ މީހުންނަށާއި، ކަން ކަމަށް ޚަރަދުކުރައްވާ ކަމުގެ ތުހުމަތު ކުރެވިގެންދިއުމާއި، ދަރިކަނބަލުންނަށް މުޅި ދަތުރު އަމާޒުވެގެންދިއުން ހިމެނެއެވެ. ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބޭގޮތުގައި ލީޑްސް ޔުނިވާސިޓީގެ ސްޓޫޑެންޓް ކައުންސިލަށް މަހަކު 2000 ޕައުންޑު ދޭގޮތަށް ނިންމަވައި ދަތުރުފުޅުގެ ތެރޭގައި ފުރަތަމަ ބައި ވަނީ ދެއްވާފައެވެ. އަދި އެކަން ހަމަޖައްސަވާފައި ވަނީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ ބަޖެޓުން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ފަސްވަނައީ، ވަރަށް ވުރެ ބޮޑަށް ދަރިކަނބަލުން އިޝްތިހާރުކުރެއްވުމާއި، ސަމާލުކަން ހޯއްދެވުމަށް ދައުލަތުގެ މީޑިޔާ ބޭނުންކުރެއްވުމާއި، ޙަޤީޤަތް ފުރޮޅާލައްވަން އުޅުއްވުމުގެ ތުހުމަތެވެ. މިއީ ފަހުގެ ތާރީޚެއްގައި އެއްވެސް ރައީސް ބޭކަލަކު ކުރެއްވި ކަމެއް ނޫންކަމުގައި މީހުން ސިފަކުރެއެވެ. މީގެ އިތުރުން ވެސް މުހިންމު ބައެއް ސަބަބުތައް ހުރުމަަކީ އެކަށީގެންވާ ކަމެކެވެ.
One Reply to “ރައީސްގެ ލިވަޕޫލް ދަތުރުފުޅަށް ފާޑުކިއުންތައް އިންތިހާވީ ކީއްވެތޯ؟”
އައިޝާ
އަދި ރައީސް އެގައުމުގައި ހުއްޓަ ރާއްޖެއަށް ޓުރެވަލް ބޭން އެއް ނެރުން. ޕުރޮމޯޓް ކުރަން ގޮއްސަހުއްޓަ އެވެސް.
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި