މިލައުތުރު

އިސްްލާމް ކަމަކީ ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް، ވަގުތަށް ކަމޭހިތުމަކީ ކާމިޔާބީގެ ތަޅުދަނޑި – ނިބްރާސް އިވާން ސާރ

ދިރާސީ އައު އަހަރަށް މަރުހަބާ! މިއަދަކީ ލޮބުވެތި ދަރިވަރުން ވެސް އަދި މުޖުތަމަޢުގެ އެންމެހާ ފަރުދުން ވެސް، އަޒުމަކާއެކު އުންމީދުތަކަކަށް މަސައްކަތް ފަށަންވީ ދުވަހެއް. ތިޔަ ލޮބުވެތި ދަރިވަރުން ތަޢުލީމާއެކު ތަރުބިއްޔަތު ވުމުގެ މާނަައަކީ ހަމައެކަނި ޢަދަދުތަކުން މަތިވުމެއް ނޫން. ވަކިވަކި މާއްދާތަކުން 90 ނުވަތަ 100 މާކުސް ހޯދުން އެއީ ހަމައެކަނި އުނގެނި ތަރުބިއްޔަތު ވުން ކަމުގައި ދެކިގެން ނުވާނެ. ތިޔަ ދަރިވަރުން މިއަދަދުތަކާ އެކު ވަކި ސިފަތަކަކުން ޒީނަތްތެރި ވާންވެސް ޖެހޭ. ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ރިވެތި އަހުލާގުން ޒީނަތްތެރިވާން ޖެހޭ.

މިއަދު އަޒުމަކަށް ހަދަންވީ ދޫ ރައްކާތެރި ކުރަން. ރިވެތި ބަހުން ވާހަކަ ދައްކާ ދަރިވަރަކަށް ވާން. ހަމަ މިއާއެކު ވިސްނުންތެރިކަމާއެކު ވާހަކަދައްކަން ސަމާލުވާން ޖެހޭ. ދޫ ތަކުން ބޭރުކުރާ ވިހަ ބަސްތަކުން އެތަށް ދަރިވަރެއްގެ އުންމީދުތަކެއް ފުނޑުފުނޑުވެގެންދޭ. މީހާގެ މޮޅުކަމާއި ބާރު ގަދަކަމަކީ ބޭނުން އެއްޗެއް ބޭނުން މީހަކާ ދިމަޔަށް ބުނުން ކަމުގައި ދެކިގެން ނުވާނެ. އެފަދަ ގޮތަކަށް ޢަމަލު ކުރެވޭ ނަމަ އެއީ އަދަބު އަހުލާގެއް ނެތްކަން.

މީގެ އިތުރުން އަޅުގަނޑުމެން އެންމެންނަކީ ވެސް ހިތް ސާފު ބަޔަކަށް ވާންޖެހޭ. ނަފުރަތާއި ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ހިތް ތަކުން ނެރެން ޖެހޭ. އަޅުގަނޑުމެން އަމިއްލަ ނަފްސަށް އެދޭ ހުރިހާ ރަނގަޅު ގޮތްތައް އަނެކާއަށް ވެސް އެދެން ޖެހޭ. ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ވާން އެބަ ޖެހޭ. ޢިލްމު އުނގެނި ތަރުބިއްޔަތު ވެގެން ދާއިރު ތިޔަ ދަރިވަރަކީ ވަގުތަށް ކަމޭހިތާ ކުއްޖަކަށް ވާން އެބަ ޖެހޭ. މީހާ ޢިލްމީގޮތުން ކިތަންމެ މަތީ ސަަނަދެއް ހާސިލު ކުރިޔަސް، އޭނާއަކީ ވަގުތަށް ކަމޭނުހިތާ މީހެއް ނަމަ މުޖުތަމައަށް، އޭނާގެ ސަބަބުން ފުރިހަމަ މަންފާއެއް ނުކުރާނެ. މިސާލަކަށް ބަލިމީހަކު ބަލަން ދާން އޮންނަ ގަޑިއަކަށް ނުދެވިއްޖެ ނަމަ އެ ޑޮކްޓަރެއްގެ ބޭނުމެއް ކޮބާ؟ ޕައިލެޓު ފުރަން އޮންނަ ގަޑިއަކަށް ހާޒިރު ނުވެއްޖެ ނަމަ ކިތައް މީހުންގެ ހައްގު ގެއްލިގެން ދާނެތޯ؟

ތަޢުލީމާއެކު ތިމާގެ ދިރިއުޅުން ތަރުބިއްޔަތު ކުރާއިރު މިދެންނެވި ފަދަ އަހުލާގީ ސިފަަތަކުން ޒީނަތްތެރި ވާންޖެހޭ. އަޅުގަނޑު މެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް، އިސްލާމް ކަމުގެ ނިއުމަތަށް ޝުކުރުވެރިވާ ބަޔަކަށް ވާން ޖެހޭ. އޭރުން އަޅުގަނޑުމެންނަކީ ކާމިޔާބު ބަޔަކަށް ވެގެންދާނެ.. އަޅުގަނޑުގެ އުންމީދަކީ މިފެށުނު އަހަރަކީ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމަށާއި ރިވެތި ސިފަތަކާއެކު ތަރުބިއްޔަތު ކުރަން ފަސޭހަ އެހާމެ ކާމިޔާބު އަހަރަކަށް ވުން.

(ނޯޓް: މިއީ ދިރާސީ އައު އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން ނިބްރާސް އިވާން ސާރ ދީފައިވާ ނަޞޭޙަތެކެވެ.)