އިންޑިޔަން އައިޑޮލްގެ ސީޒަން-15 އަކީ ހުނަރުވެރި ލަވަކިއުންތެރިންތަކެއް ފެނިގެންދިޔަ ވަރަށް ވާދަވެރި ސީޒަނަކަށެވެ. މިއަހަރުގެ އިންޑިޔަން އައިޑޮލް ތަށި އުފުލާލީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަނާސީ ގޯޝްއެވެ.
މުބާރާތުގެ ފަޑިޔާރުންގެ އެންމެ މަޤުބޫލު ތަރިކަމަށްވާ ސްނޭހާ ޝަންކަރު ދިޔައީ ތިން ވަނަ އަށެވެ. މަނާސީ ގޯޝް އިންޑިޔަން އައިޑޮލް ކާމިޔާބުކުރީ އޭނާއާ އެންމެ ގާތުން ވާދަކުރި ސުބާޖިތު ޗަކުރަބަތީ ބަލިކުރުމަށް ފަހުގައެވެ.
މަނާސީއަށް އިންޑިޔަން އައިޑޮލް ޓްރޮފީއާއެކު ފައްސަވީސް ލައްކަ އިންޑިޔާ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މީގެ އިތުރުން އެއް އަހަރު ދުވަހުގެ މިއުޒިކް ކޮންޓްރެކްޓާއި، ސްޕޮންސަރުންގެ ފަރާތުން ހުށަހަޅާ އަގު ބޮޑެތި އިނާމުތައް ލިބޭނެއެވެ. އޭގެ ތެރޭގައި ކާރާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކް ސާމާނާއި، ގަހަނާގެ އިތުރުން ހޮލިޑޭ ޕެކޭޖުތައް ހިމެނެއެވެ.
މަނާސީ ފާހަގަކުރެވުނީ އެހެން ހުރިހާ ބައިވެރިންނާ ވެސް ތަފާތު ގޮތްގޮތަށް، ތަފާތު ލަވަތައް ވަރަށް ފޯރިއާއި ޖޯޝުގައި އައިޑޮލް ސްޓޭޖަށް ހުށަހަޅައިދިން ހުނަރުވެރި މޮޅު ލަވަކިއުންތެރިއެއްގެ ގޮތުގައެވެ. އޭނާއަށް ނުކިޔޭ ފީލްއެއްގެ ލަވައެއް ވެސް ރާގެއް ވެސް ނެތްކަމަށް އިންޑިޔަން އައިޑޮލް ބަލަމުން ގެންދާ ގިނަ ދިވެހިން ވެސް ބުނެއެވެ.
މިފަހަރުގެ އިންޑިޔަން އައިޑޮލްއަކަށް ހޮވުނު ފަރާތާ މެދު މާބޮޑު ޝަކުވާއެއް ނެތްކަމަށާއި، މަނާސީ ގޯޝްއަކީ އެންމެ ޙައްޤުވެރި ފަރާތް ކަމަށް އަޑުއެހުންތެރިންނާ ބެލުންތެރިން ބުނެއެވެ. އިންޑިޔަން އައިޑޮލް ބަލާ މީހުން ރާއްޖޭގައި ވެސް ވަރަށް ގިނަކަން ފާހަގަ ކުރެވެއެވެ.