މިލައުތުރު

ނަތަންޔާހޫއަކީ މުޖުރިމެއް ކަމަށް އައިސީސީން ކަނޑައަޅާފައި ވަނިކޮށް އޭނާއަށް މަރުޙަބާ ކިއުމީ ގާނޫނާ ޚިލާފު ކަމަކަށް މިހާރު ނުވަނީތޯ!

ޖިނާއީ ކުއްތަކުގެ ޝަރީޢަތްކުރާ ދުނިޔޭގެ އެންމެ މަތީ ދަނޑިޔާރުގެ ކަމަށްވާ އައިސީސީން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މުޖުރިމެއް ކަމަށް ކަނޑައަޅައި، އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނިކޮށް ބައެއް ގައުމުތަކަށް އޭނާ ގެންގޮސް ޢިއްޒަތްދީ ކޯޓަން ގޮންޖަހައިފިއެވެ.

އެންމެ ފުރަތަމަ އެކަން ކުރީ ޔޫރަޕުގެ ގައުމެއް ކަމަށްވާ ހަންގޭރީންނެވެ. ބޮޑުވަޒީރު ނަަތަންޔާހޫ ގެންގޮސް މުޅި ދުނިޔެއަށް ގޮންޖަހާފައި މިހާރު ވަނީ އައިސީސީގެ މެންބަރުކަން ވެސް ދޫކޮށްލިކަން އިއުލާނު ކޮށްފައެވެ. އެކަން އިއުލާން ކުރީ ނަތަންޔާހޫ ޒިޔާރަތްކުރުމުގެ ކުލަގަދަ ރަސްމިއްޔާތުތަކުގެ ތެރެއިން ސީދާ ބޮޑުވަޒީރު ވިކްޓަރ އެވެ.

އޭގެ ފަހުން ޔޫއޭއީން ވަނީ ނަތަންޔާހޫގެ ސަރުކާރުގެ ޚާރިޖީ ވަޒީރަށް ހޫނު މަރުޙަބާއެއް ކިޔާ އިސްރާޢިލާއެކު ޚާރިޖީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރާނެކަން އިޢުލާން ކޮށްފައެވެ. އަދި އެންމެ ބޮޑު ހައިރާންވާކަމަކީ އެކުވެރި އަރަބި އިމާރާތަކީ އަރަބި މުސްލިމް ގައުމަކަށް ވާކަމެވެ.

އިއްގައި ފެނިގެންދިޔައީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި ނަމޫނާ ޑިމޮކްރަސީ ކަމަށް ދައުވާކުރާ އެމެރިކާއިން މުޖުރިމް ނަތަންޔާހޫއަށް ހޫނު މަރުހަބާއެއް ކިޔާ ދުނިޔޭގެ ޖިނާއީ ކޯޓަށް ގޮންޖެހި މަންޒަރެެވެ. އަދި ކޯޓުގެ ޙުކުމާ ދެކޮޅަށް ޣައްޒާގެ ރައްޔިތުން ބޭރުކޮށްލައި އެތަނުގެ ކޮންޓްރޯލް އެމެރިކާއިން ނަގާނެކަން ފާޅުގައި އިޢުލާން ކޮށްފައެވެ.

ދުނިޔޭގެ ޖިނާއީ ކޯޓުން ނިންމާފައިވަނީ އިސްރާއީލުން ޣައްޒާގައި ވަޒަންވެރިވަމުން ދަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، ވަގުތުން އެކަން ހުއްޓާލުމަށާއި، ބިންތައް ޣައްޒާގެ ރައްޔިތުންނަށް ދިނުމަށްފަހު އެ ބިންތައް ދޫކޮށް ދިއުމަށެވެ. އަދި އިސްރާޢީލް ސިފައިން ޣައްޒާގައި އިންގާ ޢުދުވާނުތަކަކީ ވެސް ޤާނޫނާ ޚިލާފު އަމަލުތަކެއް ކަމަށާއި، އެކަން ހުއްޓާލުމަށް އަމުރުކުރާ ކަމަށެވެ.