ޝާން މުޙައްމަދު

ރާއްޖޭގެ އުފެއްދުންތެރިކަން 100 ބިލިއަން ރުފިޔާ ހުރަސްކޮށްފި

ރާއްޖޭގެ އިގުތިސާދު ފަސް އިންސައްތަ ކުރިއަރައި އުފެއްދުންތެރިކަން 100 ބިލިއަން ރުފިޔާ ހުރަސްކޮށްފިއެވެ.

މޯލްޑިވްސް ބިއުރޯ އެފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން އާންމުކުރި ”ކުއާޓަލީ ނޭޝަނަލް އެކައުންޓްސް – 2024 Q4″ ރިޕޯޓުގައިވާގޮތުން ރާއްޖޭގެ ރިއަލް ޖީޑީޕީއަށް ވަނީ ތިން އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

އެމްބީއެސްގެ ރިޕޯޓުގައިވާ ގޮތުން އިތުރުވި ތިން އިންސައްތައިގެ ކުރިއެރުމާއެކު ޖީޑީޕީ ވަނީ 26.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު ފަހު ކުއާޓާގައި ރިއަލް ޖީޑީޕީއަށް ހަ އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ރިޕޯޓުން ދައްކައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީޑީޕީ ލިބުނު ކުރިއެރުމާއެކު މިދިޔަ އަހަރު ނިމުނުއިރު ރިއަލް ޖީޑީޕީ ވަނީ 101.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ލިބުނު 5.1 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެމްބީއެސްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރު ޖީޑީޕީއަށް އެފަދަ ކުރިއެރުމެއް ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިދާރީ ހިންގުމުގެ ދާއިރާއިންނެވެ. ރިޕޯޓުގައި އެކަން ފާހަގަކޮށް ބުނެފައިވަނީ ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާގެ ސަބަބުން 2.1 އިންސައްތައިގެ ކުރިއެރުމެއް ލިބުނު ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރުވެފައިވަނީ 1.4 އިންސައްތަ ކަމަށެވެ.

އިތުރު ތަފުސީލާއެކު ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީޑީޕީގެ 22.2 އިންސައްތަ ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާރުގައި ޖީޑީޕީގައި 5.8 ބިލިއަން ރުފިޔާ ފަތުރުވެރިކަމުގެ ދާއިރާގެ ސަބަބުން ދައުރުވި ކަމަށް ރިޕޯޓުގައި ބުންޏެވެ. އެފަދަ ކުރިއެރުމެއް ޖީޑީޕީއަށް ލިބުނީ ފަތުރުވެރިކަމުން ރާއްޖޭގައި ހޭދަކުރާ ރޭތައް 11.6 އިންސައްތައަށް އިތުރުވެފައިވާތީ ކަމަށެވެ.