އެމްޑީޕީގެ ވެރިކަން ނިމުމާއެކު ޕީއެންސީއާ އެކު ސިޔާސީ އެއްބަސްވުންތައް ހެއްދެވި ބޭފުޅުންގެ ތެރެއިން ކަނޑިތީމް ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުﷲ ޝަހީމަށް ސަރުކާރު ކުންފުންޏަކުން ހެޔޮވަރު ވަޒީފާއެއް ދީފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީމް އައްޔަންކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ކަމުގެ މަޤާމަށެވެ. އެއީ ޑިޕާޓްމަންޓްގައި ހުންނަވާ އެންމެ މަތީ ވެރިޔާގެ މަޤާމެވެ.
އަބްދުﷲ ޝަހީމަކީ މަގުމަތީ ހަރަކާތްތަކަށް ފަރިތަ މީހުންނާ ގުޅޭ ބޭފުޅަކަށް ވާކަމީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވިދާނެ ކަމެއް ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މަޤާމުގެ އަސާސީ ޝަރުޠު ހަމަވާ ކަމެއް ނުވަތަ ނޫން ކަމެއް އެނގޭކަށް ނެތެވެ. އާންމު އުސޫލުން ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރުން ފެންވަރުގެ ވަޒީފާތަކުގައި ތިބެނީ މަތީ ތަޢުލީމު ލިބިފައިވާ ފަރާތްތަކެވެ. މެނޭޖަރު ފެންވަރުގެ މަޤާމުގެ އަސާސީ ޝަރުތަކީ ދަށްވެގެން ޑިގްރީ ފެންވަރެވެ.
ޝަހީމް އައްޔަނު ކުރެއްވި މަޤާމުގެ މުސާރަ އަކީ ގާތްގަނޑަކަށް 35،000 – 40،000 ދެމެދުގެ އަދަދަކަށް ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.