މިލައުތުރު

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ގައިސް ސޯޝަލް މީޑިއާގައި ވަން-ޓު-ވަން ކުރިމަތިލުމަކަށް

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި އެޗްޑީސީގެ ކުރީގެ ޑީއެމްޑީ އަޙްމަދު ގައިސްއާ ދެމެދު ސޯޝަލް މީޑިއާގައި ބޮޑު ޒުވާބެއް ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ޒުވާބުގެ ފޯރި މިހާރު މިވަނީ މުޅިން އެހެން ދަރަޖަކައަށް އުފުލިގެން ގޮސްފައެވެ.

ސައުދުﷲ ހިލްމީ ތުހުމަތުކުރާ ގޮތުގައި ގައިސް އަކީ ބޮޑު ވަގެކެވެ. ގައިސް ތުހުމަތުކުރާ ގޮތުގައި ސައުދުﷲ އަކީ ވެސް ބޮޑު ވަގެކެވެ. ސީދާ ބަހުންނާއި، ނުސީބާބަހުން ވެސް ދެމީހުންނަށް ވެސް ގޮވެނީ ”ވަގޯ ވަގޯ“ އެވެ. އެ ދެފަރާތަށް ތާއީދުކުރާ މީހުންވެސް ގޮވަނީ ”ވަގޯ ވަގޯ“ އެވެ. އެހެންކަމުން މިއީ ދިގު ދެމިގެން ހިނގައިދާނެ ޒުވާބެއް ކަމުގައި ބެލެވެއެެވެ.

އެމްޕީ ސައުދުﷲ ތުހުމަތު ކުރައްވާ ގޮތުގައި ގައިސް އަކީ ކޮރަޕްޝަނާ ފަސާދައިގެ ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހެކެވެ. ހުޅުމާލެއިން 5200 އަކަފޫޓުގެ ބިމެއް ކަރުދާސް ކުންފުންޏަކަށް 8 މިލިޔަން ރުފިޔާއަށް ވިއްކާލުމުގައި ކޮރަޕްޝަން ހިންގާފައިވާ މީހެއް ކަމަށެވެ. ރައްދުގައި ގައިސް ބުނެފައިވަނީ ބަނގުރޫޓުވެފައިވާ ސައުދުﷲގެ ބަޔާނަކީ މަސްޢޫލިއްޔަތުން ރެކެން ނެރެފައިވާ ބަޔާނެއް ކަމަށެވެ.

އަނެއްކޮޅުން ތިނަދޫން ސައުދުﷲ ހިލްމީ ކުއްޔަށް ނަގާފައިވާ ބިންތަކަށް ކުލި ނުދައްކާތީ، އެ ސިޓީ ކައުންސިލުން ވަނީ ނަން ހާމަކޮށްފައެވެ. ސިޓީ ކައުންސިލުން ހާމަކުރި ތަފުސީލުތަކުން ހާމަވާ ގޮތުގައި، ސައުދުﷲ ހިލްމީ ދައްކަންޖެހޭ ކުއްޔާ ޖޫރިމަނާގެ ޖުމްލަ އަދަދު ބައި މިލިޔަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ.