ޑޮލަރުގެ އަގު ދިވެހި ތާރީޚުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި އެކަމުގެ ސަބަބުން ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓި، ގައުމު މިދަނީ ބަނގުރޫޓުވަމުން ކަމަށް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑޮލަރުގެ އަގު ދިވެހި ތާރީޚުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި, ޤައުމު އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ކަޅުބާޒާރުގައި 20 ރުފިޔާއަށް އުފުލުމާ ގުޅިގެން ޝާހިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގައުމު ބަގުރޫޓު ވަމުންދާ ކަމަށެވެ. އަދި ރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުންދާ ކަމަށާއި މި ދަނޑިވަޅުގައިވެސް އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވުމަކީ ޣައިރު ޒިންމާދާރު އަދި ވަރަށް ބޮޑު އިހުމާލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ގަވަރުނަރަށް ޝާހިދު ވަނީ ގޮވާލާފަ އެވެ. އަދި ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭ އިން އަޅާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ޝާހިދު ގޮވާލާފައިވެ އެވެ.
މިހާރު ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެފައިވާއިރު ކަޅު ބާޒާރުގައި ޑޮލަރު ބޮޑު އަގުގައި ވިއްކަމުންދާ މައްސަލަ އަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ސަރުކާރަށް ހޯދައި ދެވިފައި ނުވާތީ އިދިކޮޅު ފަރާތްތަކުން ދަނީ މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.