
ށ. ފޯކައިދޫ ޞިއްޙީމަރުކަޒުގައި މެދުނުކެނޑި 22 އަހަރު އިޚުލާޞްތެރިކަމާއެކު ޚިދުމަތްކޮށްދެއްވުމަށް ފަހު، އެ މަރުކަޒުގެ ހެލްތު ކެއަރ އެޓެންޑެންޓް ސީރީނާ ޙަސަން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި އެވެ.
މަސައްކަތުގެ އަޚުލާޤާއި އޯގާތެރިކަމުގެ ފުރިހަމަ ނަމޫނާގެ ސަބަބުން “ސީރީންދައިތަ” ވެފައިވަނީ އެންމެންގެ އެންމެ ލޯބިވާ ދައްތައެއް ކަމަށެވެ. މަރުކަޒުގެ ސާފުތާހިރުކަމާއި ތަރުތީބު ހިފަހައްޓައި ދެމެހެއްޓުމަށް ކުރެއްވި ބުރަ މަސައްކަތުގެ އަގު އެ މަރުކަޒުގެ މުވައްޒަފުން ވަަޒަންކުރަނީ ނުހަނު ލޯތްބާއި ޝުކުރުވެރިކަމާއެކުގައެވެ.
ސީރީންދައިތަގެ ޚިދުމަތުގެ ދަތުރަކީ ހަމަ އެކަނި ވަޒީފާއެއް އަދާކުރުމެއް ނޫނެވެ. އެއީ އިންސާނިއްޔަތަކަށްޓަކަައި ވީ ވަރަށް މަތިވެރި ޤުރުބާނީއެކެވެ. ފޯކައިދޫ ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ކޮންމެ ބަލިމީހަކާ ސީރީންދައިތަ މުއާމަލާތް ކުރައްވާފައިވަނީ ނުހަނު އޯގާތެރިކަމާއެކު ގައެވެ. މޫނުމަތިން ހިނިތުންވުން ނޫން އެއްޗެއް ނުފެންނާނެއެވެ. ހިތްވަރުގެ ބަހެއް ނޫނީ ނުބުނާނެއެވެ.
ވޭތުވެދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، ދެއްކެވީ ސާބިތުކަމާ ކެތްތެރިކަމެވެ. ކުއްލި ޙާލަތްތަކުގައި ވެސް ރޭގަނޑެއް ދުވާލެއް ބެލުމެއްނެތި ކުރެއްވި ބުރަ މަސައްކަތަކީ މުވައްޒަފުން އުފަލާއެކު އަގުވަޒަންކުރާ ކަމެކެވެ.
ސީރީންދައިތަގެ މަސައްކަތުގެ އަޚުލާޤިއްޔާތަކީ އަދި ވަކިން ޚާއްސަކޮށް ވަގުތަށް ކަމޭހިތުމުގެ ރިވެތި ސުލޫކަކީ އަދުގެ ޒުވާނުންނަށް ހުރި ނަމޫނާ މިސާލެކެވެ. އިސްވެރިންނާއި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އަދަބު އިޙްތިރާމް އަދާކުރުމުގައި ވެސް ނަމޫނާއެކެވެ. ސީރީންދައިތަ ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވެގެންދިޔަ ނަމަވެސް، ށ. ފޯކައިދޫ ޞިއްޙީމަރުކަޒުގައި އޮންނަ ދޭދޭ ރަޙްމަތްތެރި ގުޅުންތައް ދެމެހެއްޓުމަށްޓަކައި ގެންގުޅުއްވި މިޒާޖުގެ ސަބަބުން ހުރިހާ މުވައްޒަފުން ވެސް އެ ހަނދާންތައް އަބަދަށް އައު ކުރާނެކަން ޔަޤީނެވެ. އެއީ ހަމަ އެކަނި މުވައްޒަފަކަށް ވުމުގެ ބަދަލުގައި މަޖާ އެކުވެރިއެއް، ހިތްހެޔޮ ދައްތައެއް އަދި އޯގާތެރި މަންމައަކަށް ވީތީއެވެ.
ދުޢާއަކީ މާތް ﷲ ސީރީންދައިތައަށް ދުޅަހެޔޮ ޞިއްޙަތެެއް ދެއްވައި، އާއިލާއާއެކު އުފާވެރި ދުވަސްތަކެއް މިންވަރު ކުރެއްވުމެވެ. ތިޔަ ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތަށް އެންމެހާ ރައްޔިތުންގެ ނަމުގައި ލޯތްބާއެކު ޝުކުރު ދަންނަވަމެވެ.
ކިޔުންތެރިންގެ ހިޔާލު