ވަޒީފާގެ ބިރު ދައްކައި އެކަނިވެރި މަޔަކު ޕީއެންސީއަށް ވައްދައިފި

ޝާން މުޙައްމަދު | 29 އޭޕްރީލް 2026 | ޚަބަރު

އދ. މަންދޫގައި ވަޒީފާގެ ބިރު ދައްކައި އެކަނިވެރި މަޔަކު ޕީއެންސީއަށް ވައްދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ބިރުދައްކާފައި ވަނީ މަންދޫ ކައުންސިލްގެ އަންހެން މެންބަރަކަށް ހޮވުނު ޝަހީމާ ޝިހާބު ނަމަކަށް ކިޔާ އެކަނިވެރި މަޔަކަށެވެ. އޭނާ އިންތިހާބުވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށްގެންނެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީ އިން ވަނީ ޝަހީމާއަށް ބިރުދައްކައި އެމްޑީޕީން ބޭރުކޮށް ޕީއެންސީއަށް ސޮއިކުރުވާފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް
ޝަހީމާ ގުޅިފައިވަނީ މިއަދު އެޕާޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވަނީ ޕީއެންސީ ފޯމު ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އާއި ހަވާލުކޮށްފައެވެ.

ޕީއެންސީއާއި ގުޅުމަށްފަހު ޝަހީމާ ބުނީ، އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި ނަމަވެސް، ރަށުގެ ތަރައްގީއަށް އެންމެ ފަހިކޮށް މަސައްކަތް ކުރެވެން އޮތީ ސަރުކާރާ ގުޅިގެން ކަމަށް ގަބޫލުކުރެވޭތީ ޕީއެންސީއަށް ބަދަލުވާން ނިންމެވީ ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީ ދަނގެތީ ދާއިރާގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވެފައި ވަނީ ޝާހީމާ ޕީއެންސީއަށް ވައްދާފައި ވަނީ ބިރުދައްކައިގެން ކަމަށެވެ.

މުޙައްމަދު އިބްރާހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޝަހީމާގެ ދެ ދަރިންނަށް ވަޒީފާގެ ބިރު ދައްކަމުން ދާ ކަމަށް ޝަހީމާ ބުނެފައިވާ ކަމަށެވެ. އެކަނިވެރި މަޔަކަށް ބިރުދައްކައިގެން ސޮއިކުރުވުމަކީ ވަރަށް ދެރަވަރުކަމެއްގެ ގޮތުގައި މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.