ދިރާސީ އައު އަހަރު ފެށިގެން ހަތަރު މަސްދުވަސް ފާއިތުވެގެންދާއިރު ވެސް، ށ. އަތޮޅުގެ އެންމެ ފަޚުރުވެރި ސްކޫލް ކަމުގައިވާ ށ. އަތޮޅު ތައުލީމީ މަރުކަޒަށް ޕްރިންސިޕަލަކު ހޯދައިނުދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ، ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމް ވަގުތުން އިސްތިޢުފާ ދިނުމަށް ގޮވާލައިފި އެވެ.
ކޮމަންޑޫ އެމްޑީޕީން ބުނެފައިވަނީ ސްކޫލްގައި އިސްވެރިޔާ ނެތި މިހާ ގިނަ ދުވަސްވުމުން، ދަރިވަރުންގެ ތަޢުލީމީ މުސްތަޤުބަލާ މެދު ބެލެނިވެރިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. މި މައްސަލައިގައި ދާއިރާގެ މެންބަރު މުޙައްމަދު އިބްރީހީމް ހަނުހުރުމުން، އޭނާގެ އިންތިހާ ދަރަޖައިގެ ނާޤާބިލުކަން މިވަނީ ހާމަވެފައި ކަމަށެވެ. އަދި ރަށުގެ ތައުލީމީ ނިޒާމު ބޮއްސުންލައިގެން ދާއިރު، ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ބަހެއް ނުބުނެވި މިފަދަ އަސާސީ ކަމެއް ޙައްލުކޮށްނުދެވޭ މެންބަރެއްގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކޮށްފައި ވެއެވެ.
މިވަރުގެ ކަމެއް ހައްލުކޮށް ނުދެވޭ އަދި ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލައި މަސައްކަތް ނުކުރެވޭނަމަ، އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަތުން މާ ރަނގަޅު ވާނެ ކަމަށެވެ. އަދި ހުރިހާ ކަމެއް ނާދިރުވުމަކީ ވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު