ޝާން މުޙައްމަދު

އެމެރިކާގެ އިޤްތިސާދު ބިމުން ލުހިގެންދާފަދަ ޓެރިފް ރޭޓެއް ޗައިނާ އިއުލާން ކޮށްފި.

އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ ޓެކްސްގެ ގޮތުގައި ނަގާ ފައިސާގެ އަދަދު 84 އިންސައްތަ އަށް އިތުރުކުރަން ޗައިނާ އިން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ޗައިނާއިން މި ނިންމުން ނިންމީ ދާދިފަހުން އެމެރިކާއިންވެސް މިފަދަ ނިންމުމެއް ޗައިނާ އާ ދެކޮޅަށް ނިންމުމާ ގުޅިގެން އޭގެ ރައްދެއްގެ ގޮތުންނެވެ. މިއާއެކު ދުނިޔޭގެ ބާޒާރަށްވެސް މީގެ އަސަރު ކުރާނެ ކަމަށް މާހިރުން ވަނީ ބުނަން ފަށާފައެވެ.

ނިރުބަވެރި ހަމަލާތަކަށް ހިތްވަރު ދެމުންގެންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ”ރެސިޕްރޮކަލް“ ޓެރިފްތައް މިއަދު ވަނީ ތަންފީޒު ކުރަން ފަށާފައެވެ. އޭނާ ގެނައި ބަދަލާއެކު ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޖުމްލަ 104 އިންސައްތައިގެ ޓެރިފެއް ދައްކަން ޖެހެއެވެ.

މި މައްސަލައާއި ގުޅިގެން ޗައިނާގެ ސްޓޭޓް ކައުންސިލް ޓެރިފް ކޮމިޝަނުން ބުނީ ”އެމެރިކާއިން ޗައިނާގެ މައްޗަށް ޓެރިފް އިތުރު ކުރުމަކީ ކުށްމަތިން ކުށް ކުރުމެއް“ ކަމަށެވެ. އަދި މި ފިޔަވަޅުތަކާއެކު ޗައިނާއިން ވަނީ އެމެރިކާގެ 12 ކުންފުންޏަކަށް އެކްސްޕޯޓް ކޮންޓްރޯލްތަކެއްވެސް ކަނޑައަޅާފައެވެ.

އެމެރިކާގެ ކުންފުނިތަކާ ދެކޮޅަށް ޗައިނާއިން އެޅި ފިޔަވަޅުތަކުގެ ދަށުން މަދަނީ އަދި އަސްކަރީ ބޭނުންތަކަށް ބޭނުން ކުރެވޭ ތަކެތި ސަޕްލައި ކުރުން މަނާވާނެއެވެ. އަދި އިތުރު ހަ އެމެރިކާ ކުންފުނި ”އަންރިލަޔަބަލް އެންޓިޓީ ލިސްޓް“ އަށް ވަނީ އިތުރު ކޮށްފައެވެ.

މި ފިޔަވަޅުތަކާ ގުޅިގެން ޗައިނާގައި އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކުގެ އަގަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެ. އަދި މިއީ އެމެރިކާގެ ސްޓޮކްގެ މުސްތަގުބަލަށްވެސް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.