މިލައުތުރު

ކުޅުދުއްފުށީ ސްކޫލްތަކުގައި ޖާގައެއް ނެތް، ތަޢުލީމާބެހޭ ވަޒީރު ވިދާޅުވަނީ ހުރިހާ ކަމެއް އޯކޭ ކަމަށް

ނިމިދިޔަ ސަރުކާރުގައި ގިނަ ކުލާސް ރޫމްތަކެއް ހަދަން ފެށި ނަމަވެސް މިހާރު ހުރީ މަސައްކަތް އެއްކޮށްހެން ހުއްޓިފައެވެ. މިއަހަރު ވެސް ކުޅުދުއްފުށީ ސްކޫލްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ މައްސަލަ އެވެ.

ވަޒީރު އިސްމާޢީލަށް ހުރިހާ ކަމެއް އޯކޭ ނަމަވެސް އިމާރާތް ކުރަން ފަށާފައި ހުރި ކުލާސްރޫމްތަކުގެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިއަކަށް ނުދެއެވެ. މިހެންވުމުގެ ސަބަބުން މިއަހަރުވެސް އަފީފުއްދީން ސްކޫލްގައި ކިޔަވައިދޭން ޖެހެނީ ދަންފަޅި ބަހައިގެންނެވެ. އަދި މުޅި ތާރީޚުގައި ވެސް ޖަލާލުއްދީން ސްކޫލްގައި ދަންފަޅި ބަހައިގެން ކިޔަވައިދޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންވީމާ ހުރިހާ ކަމެއް އޯކޭ ވާނީ ކިހިނެތްތޯއެވެ.

ކުޅުދުއްފުށީ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އުޅެނީ 2947 ގައެވެ. 2024 ވަނަ އަހަރު 3009 ދަރިވަރުން ކުޅުދުއްފުށީގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރިއެވެ. އަދި 2023 ވަނަ އަހަރު 3000 ދަރިވަރުން ތިބި ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.