މިލައުތުރު

އެއްވެސް އައު މަޝްރޫޢެއް ފެށޭ ވަރަށް ފައިސާ ބާކީއެއް ނުކުރެވޭ، ލޯނު ނޫންގޮތެއް ނެތް – ވަޒީރު

ޢުމްރާނީ ތަރައްޤީގެ އެއްވެސް އައު މަޝްރޫޢެއް ހިންގޭން ފައިސާ ދައުލަތުގައި ނެތްކަމަށާއި، ލޯނު ނެގުން ނޫންގޮތެއް ދެން ނެތް ކަމަށް މި ސަރުކާރުގެ ކެބިނެޓް ވަޒީރުބޭފުޅަކު ނުހަނު މާޔޫސީކަމާއެކު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އެއްކޮށްހެން ހޭދަވަނީ ދައުލަތުގެ ރިކަރަންޓު ހަރަދުތަކަށް ކަމަށާއި ތަރައްގީގެ އައު މަޝްރޫއުތައް ހިންގަން ލޯނު ނެގުން ނޫންގޮތެއް މި ސަރުކާރަށް ވެސް ދެން ނެތް ކަމަށެވެ.

ގދ. ފިޔޯރީގައި އޮތް ރަސްމިއްޔާތެއްގައި ޑރ. މުއްތަލިބު ވިދާޅުވީ ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ކުރިންވެސް ކަންކަން ކުރެއްވީ ލޯނު ނަގައިގެން ކަމަށާއި، ދެން ވެސް ކަންކަން ވާނީ ލޯނު ނަގައިގެންކަން ދޭހަވާ އިބާރާތްތަކުން މާޔޫސީ ގޮތެއްގައި ވާހަކަފުޅު ދެއްކެވިއެވެ. އެހެން ނަމަވެސް މި ސަރުކާރަކީ ލޯނު ނުނަގާން ވައުުދުވެގެން އައި ސަރުކާރަކަށް ވާތީ، ދަރަންޏަށް އެއްވެސް ފައިސާއެއް ހޯދާކަށް ބޭނުމެއް ނުވާނެއެވެ.